ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ ރާއްޖެ ސުޕަ ލީގު ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވ. ފެލިދޫން ހޯދައިފިއެވެ.

އަތޮޅު ތެރޭގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ރާއްޖެ ސުޕަ ލީގު ވޮލީ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ހަތް ރަށަކުން ވާދަކޮށްފައިވާ އިރު، އިއްޔެ ހަވީރު ކުޅުނީ ތިންވަނަ ހޮވާ މެޗެވެ. އަދި ރޭ ވަނީ ފައިނަލް މެޗުވެސް ކުޅެފައެވެ. އިއްޔެ ތިންވަނަ ހޮވާ މެޗުގައި ތ. ހިރިލަންދޫން ވަނީ ލ. ފޮނަދޫ ކައިރިން ސީދާ ތިން ސެޓުން މޮޅުވެފައެވެ. އެމެޗުގެ ސެޓުތައް ދިޔައީ 25-21، 25-21 އަދި 25-18 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ހިރިލަންދޫގެ އާފާގް ހާނެވެ.

ރޭ ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު ކުޅުނު ފައިނަލް މެޗުގައި ފެލިދޫން ބ.ގޮއިދޫ ބަލިކުރީވެސް ސީދާ ތިން ސެޓުންނެވެ. ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކަކާއެކު ފެނިގެންދިޔަ ފެލިދޫން ސެޓުތައް ގެންދިޔައީ 25-21، 25-16 އަދި 25-23 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ ޕާކިސްތާނުގެ މުރާދު ޖޭހާންއެވެ.

https://www.facebook.com/permalink.php?story_fbid=pfbid0G128fNdwQYxWxzxutsUrSnQ6PTn5i5iGN3ziZxRM1cJJx2hdWjVX4KmPV3v8Lp3sl&id=61567318384297

މުބާރާތުގެ އެންމެ މޮޅު އައުޓްސައިޑް އެޓޭކަރުންނަކީ ގޮއިދޫގެ ޝަމާއިލް ހުސައިނާއި ފެލިދޫގެ އަލީ ހުޒާމް (ހުޒަންޓެ) އެވެ. އެންމެ މޮޅު މިޑްލް ބްލޮކަރުންނަށް ހޮވުނީ ގޮއިދޫގެ އިބްރާހީމް ފަޒީލާއި މުހައްމަދު ލަތުފާން އަލީއެވެ. އެންމެ މޮޅު ސެޓަރަކަށް ފެލިދޫގެ ހުސައިން ވިސާމް (ބުޅިކެ) ހޮވުނު އިރު، އެންމެ މޮޅު އޮޕޮސިޓް ކުޅުންތެރިޔަކީ ފެލިދޫގެ ހުސައިން ނިލާމެވެ. އެންމެ މޮޅު ލިބަރޯއަކީ ފެލިދޫގެ އަހުމަދު ނަބީލެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ލޯކަލް ކުޅުންތެރިޔަކަށް ހޮވުނީ ފެލިދޫގެ ނިލާމެވެ. އެންމެ އުންމީދީ ކުޅުންތެރިޔަކީ ޔައީޝް ރިއްފަތު ހަމީދެވެ. އެންމެ މޮޅު ކޯޗަކީ މުހައްމަދު ޝަރަފެވެ.