ހދ. ކުޅުދުއްފުށީގައި ކަރަންޓުގެ ހިދުމަތް ދިނުމަށްޓަކައި ކުޅުދުއްފުށި ސިޓީ ކައުންސިލާ އެކު ފެނަކަ ކޯޕަރޭޝަނުން އެއްބަސްވުމެއް ނުހެދި މައްސަލައިގައި ސިވިލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

ކައުންސިލުން ސިވިލްކޯޓަށް ހުށަހެޅި ދައުވާގައި ބުނެފައިވަނީ، ލާމަރުކަޒީ ގާނޫނުގެ ދަށުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ފޯރުކޮށްދޭންޖެހޭ ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ގާނޫނުގައި ލާޒިމް ކޮށްފައިވާ ފަދައިން ކުޅުދުއްފުށީ ސިޓީ ކައުންސިލާއި، ފެނަކަ ކޯޕަރޭޝަން އާ ދެމެދު ލިއުމުން ވާންޖެހޭ އެއްބަސްވުން ހެދުމަށް ފެނަކައިން ހުރަސްއަޅައި، ކުޅުދުއްފުށީ ސިޓީ ކައުންސިލަށް އެއްބާރުލުންނުދީ، ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ގާނޫނީ ޒިންމާ އަދާކުރުމަށް ހުރަސް އަޅަމުންދާ ކަމަށް ބުނެއެވެ.

ރަށެއްގެ ރައްޔިތުންނަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށް ދިނުމަކީ ކައުންސިލްގެ ޒިންމާއެއް ކަމަށް ކަނޑައަޅާފައި ވުމާއި، އެ ހިދުމަތް ތިންވަނަ ފަރާތަކުން ފޯރުކޮށްދޭ ނަމަ، އެ ފަރާތާއި ކައުންސިލާ ދެމެދު އެއްބަސްވުމެއް އޮންނަންވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައި ވާތީއެވެ.

ނަމަވެސް މިދިޔަ ޖުލައިމަހުގެ ނުވަވަނަ ދުވަހު މި މައްސަލައިގައި ސިވިލްކޯޓުން ހުކުމްކުރީ މި ދައުވާ ސާބިތު ނުވާ ކަމަށެވެ.

މިދިޔަ އާދިއްތަ ދުވަހު ހައި ކޯޓުގައި އިސްތިއުނާފްކުރި މި މައްސަލައި ކޯޓަށް ބަލައިގަތުމާމެދު އަދި ގޮތެއް ނިންމައިފައެއްނުވެއެވެ.