ބ. ދަރަވަންދޫ އެއާޕޯޓުގެ ޕެސެންޖަރު ޓާމިނަލް ކޮންޓްރެކްޓާ ފައިނޭންސިން (ރީ-ބީޑް) މެދުވެރިކޮށް ތަރައްގީ ކުރުމަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމަށް މޯލްޑިވިއަނުން އަލުން ހުޅުވާލައިފިއެވެ.
އެ ޓާމިނަލް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން އައިލެންޑް އޭވިއޭޝަނުން އެންމެ ފުރަތަމަ އިއުލާންކުރީ މި އަހަރުގެ މެއި މަހުއެވެ.
މޯލްޑިވިއަނުން މިއަދު ކުރި އިއުލާނުގައި ބުނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ އަންގާރަ ދުވަހުގެ ރޭގަނޑު 11:59 ގެ ކުރިން ކުރިމަތިލެވޭނެ ކަމަށެވެ.
ޕްރޮޕޯޒަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ސެޕްޓެމްބަރު މަހުގެ ދިހަ ވަނަ ދުވަހެވެ. އެ ޕްރޮޖެކްޓް ފަށާ ދުވަހުން ފެށިގެން 18 މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.
ކޮންޓްރެކްޓަރު ހޮވުމުގައި ކުރިން އެފަދަ ޕްރޮޖެކްޓެއް ހިންގާފައިވާ ނުވަތަ 50 މިލިއަން ރުފިޔާއަށް ވުރެ މަތީ ޕްރޮޖެކްޓްތައް ހިންގާފައިވާ ޕާޓީތަކަށް އިސްކަން ދޭނެ ކަމަށް އެކުންފުނިން ބުނެފައިވެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ނިމިދިޔަ 2025ގެ އޮގަސްޓް މަހުގެ 13 ވަނަ ދުވަހު ދަރަވަންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވެފައިވަނީ ރައްޔިތުން ބޭނުންވާ ފެންވަރަށް ދަރަވަންދޫ އެއާޕޯޓް ތަރައްގީކުރުމުގެ ގޮތުން އެ އެއާޕޯޓް ރަސްމީކޮށް، އައިލެންޑް އެވިއޭޝަނާ ހަވާލުކޮށްދޭނެ ކަމަށެވެ.
ދަރަވަންދޫގައި އެއާޕޯޓުގެ ހިދުމަތް ދޭން ފެށިތާ 14 އަހަރު ވެފައިވާ އިރު ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން ކޯސްޓްލައިން ހޮޓެލްސް އެންޑް ރިސޯޓްސްއިން ދަރަވަންދޫ އެއާޕޯޓް ހަދައި ހުޅުވާފައިވަނީ 2012 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 17 ވަނަ ދުވަހުގައެވެ.
ދަރަވަންދޫ އެއާޕޯޓް މީގެ ކުރިން ހިންގަމުން އައީ ކޯސްޓްލައިން ކުންފުންޏާއި އައިލެންޑް އޭވިއޭޝަންއާ ދެމެދު ހަދާފައިވާ އޮޕަރޭޝަން އެންޑް މެނޭޖްމެންޓް އެއްބަސްވުމެއްގެ ދަށުން، އައިލެންޑް އޭވިއޭޝަނުންނެވެ.
ފާތިމަތު ލިއުޝާ
ބ. ދަރަވަންދޫ
ބ. ދަރަވަންދޫ
ކޮމެންޓް