އިނގިރޭސި ހަރުބަހެއްގައި އޮވެއެވެ. ތިޔައީ ކުރަޔާ ދިމާލަށް ތެލިވެސް ކަޅޭ ގޮވުމެކެވެ. މިބަސް ބޭނުން ކުރެވެން ފެށީ ސަތާރަ ވަނަ ގަރުނުގެ ތެރޭގައެވެ. ދަރު އަންދައިގެން ކައްކައި އުޅުނު ޒަމާނުގަައެވެ. ތެއްޔަކީ ގެދަބުޅިޖަހައި ކަޅުވެފައި ހުންނަ އެއްޗެކެވެ. ކުރާވެސް އެފަދައެވެ. މިބަސް ބޭނުން ކުރެވެނީ ތިމާގެ ކިބައިގައި ހުންނަ އުނިސިފަތަކުގެ މަތިން ހަނދާންނެތި އަނެއްމީހާގެ ކިބައިގައި ހުންނަ ހަމަ އެސިފަޔާމެދު ވާހަކަ ދައްކައި އުޅޭ މީހުންނާ މެދުގައެވެ. ދިވެހި މިސާލު ބަހެއްގައި ބުނެވޭ ގުދޯގުދޯ ގޮވުމަށެވެ. އެއްގުދު އޮންނަ މީހާޔާ ދިމާލަށް ހަތްގުދު އޮންނަ މީހާވެސް ގުދޯގުދޯ ގޮވުމަށެވެ. މިޒަމާނުގައި މިކަން އެންމެ ބޮޑަށް ފާޅުވަމުންދަނީ އެމެރިކާގެ ކިބައިންނެވެ. އީރާނާމެދު އެމެރިކާގެ ލީޑަރުން ދަައްކަމުންދާ ވާހަކަތަކުން ފާޅުވަނީ މިއަސަރެވެ. އެންމެފަހުން މިޒާތަށް ގުދޯގުދޯ ގޮވައިފައިވަނީ އެމެެރިކާގެ ނާއިބުރައީސް ޖޭޑީ ވޭންސެވެ. މިދިޔަ ބުރާސްފަތި ދުވަހު ވައިޓްހައުސްގައި ނޫސްވެރިންނާ ބައްދަލު ކުރަމުންނެވެ.
ޖޭޑީ ވޭންސް ބުނީ ކީކޭ ބާވައެވެ. ބުންޏެވެ. އީރާނުގެ ވެރިންނަކީ ގާތިލުންތަކެކެވެ. މީހުންމަރާ ބައެކެވެ. އެކަންކަން ހުއްޓުވުމަށްޓަކައި ހަމަކޮންމެ ކަމެއްވެސް ކުރަން އެމެރިކާ އޮތީ ތައްޔާރަށެވެ. މިހާރު ކުރިއަށްދާ ހަގުރާމަޔަށް ނިމުމެއް ނެތެވެ. ނިންމަން ވަކި ތާރީޚެއްވެސް ނެތެވެ. އަމާޒަކީ އީރާނު ތާހިރު ކުރުމެވެ. އެކަން ކުރެވެންދެން ހަގުރާމައޮތީ ކުރިއަށެވެ. އީރާނާއެކު ވާހަކަ ދެއްކުމެއް މަޝްވަރާ ކުރުމެއްވެސް ނެތެވެ. ވާހަކަ ދައްކާނީ އެމެރިކާ ދައްކާ މަގުން ކުރިއަށްދާން އީރާނުގެ ވެރިން އެއްބަސްވި އިރަކުންނެވެ. އީރާނުގެ ވެރިންނަކީ މީހުންމަރާ ގާތިލުންތަކެއް ކަމަށް ސިފަކުރުމާއެކު އެމެރިކާގެ އަމާޒަކީ އީރާނު ތާހިރުވަންދެން ދޮވުމޭ އެބުނި ބުނުން ގުދޯގުދޯ ގޮވުމަކަށްވަނީ ކީއްވެގެން ބާވައެވެ. ޖޭޑީ ވޭންސް މިމޭރުމުން ވާހަކަ ދެއްކީ އީރާނުގެ ހުޅަނގު ދެކުނުގެ އައްސޭރީގައި އޮންނަ ސަހަރެއްކަމުގައިވާ ބަންދަރު ސީރީކުގެ ގެއެެއްގައި ކައިވެނި ޕާޓީއެއް ކުރިއަށް ދަނިކޮށް އެގެޔަށް އެމެރިކާއިން ހަމަލަދީ ފަސް މީހުން ޝަހީދުކޮށްލިތާ ދެދުވަސް ފަހުންނެވެ.
އެމެރިކާގެ މި އުދުވާނުގައި ޝަހީދުވި މީހުންގެ ތެރޭގައި ކުޑަ ދެ ކުއްޖަކުވެސް ހިމެނެއެވެ. ޒަޚަމްވި މީހުންގެ އަދަދު ސަތޭކައާ ގާތްކުރެއެވެ. ހަގުރާމައިގެ ނަމުގައި ކައިވެނީގެ ވަލީމާއަކަށް ހަމަލަދިނުން އެކަންޏެއް ނޫނެވެ. މިއަހަރުގެ ފެބްރުއަރީ އަށާވީސްވަނަ ދުވަހުގެ ހެނދުނު އީރާނުގެ މިނާބު ސަހަރުގެ އަންހެންކުދީންގެ މަދަރުސާއަކަށްވެސް އެމެރިކާއިން ހަމަލަދީ 168 ކުދިން ޝަހީދުކޮށްލާފައިވެއެވެ. ހަގުރާމައިގެ ޖަރީމާތަކަކީ މިއީއެވެ. މީހުން މެރުމަކީ މިއީއެވެ. ގާތިލުންގެ ކަންކަން ހުންނަ ގޮތަކީ މިއީއެވެ. ދޮވެ ތާހިރުކޮށްގެން ކަމެއް އިސްލާހު ކުރަން ޖެހެންޏާ އެކަމަކީވެސް މިއީއެވެ. މީހުންމަރާ ގާތިލުންނަކީ މިޒާތުގެ ކަންކަން ރާވައި ހިންގާ މީހުންނެވެ. އެބަޔަކީ އެމެރިކާގެ ވެރިންނެވެ. އޭގެތެރެއިން މީހަކު ހުދުގަމީހެއް ލައިގެން ކެމެރާތަކުގެ ކުރިމައްޗަށް ނުކުމެހުރެ އީރާނުގެ ވެރިންނާ ދިމާލަށް މިގޮވީ ގާތިލުންނޭއެވެ. މުޖުރިމުންނޭ އެވެ. މިއަޑު އިވުނު ހަމަ ކޮންމެ މީހެއްގެ ހިތަށްވެސް އަރާނެ އެއްޗަކީ މިލިޔުން ފަށަމުން ބަޔާންކުރި މިސާލު ބަހެވެ.
ގުދޯގުދޯ ގޮވުމާއި ކަޅަށް ގޮވުން ކަހަލަ އަޑުއަޑު މިއަހަރުގެ ނޮވެމްބަރު ތިނަކާ ހަމަޔަށް ވަރަށް ގިނައިން އިވޭނޭ ކަމަށް ބެލެވެއެވެ. ނަތަންޔާހޫ އާއި ޓްރަމްޕު އަދި ޖޭޑީ ވޭންސް ކަހަލަ މީހުންގެ އަނގައިންނެވެ. އިޒްރޭލުގައި ކުރިއަށްއޮތް އޮކްޓޫބަރު ހަތާވީހުގައި އާއްމު އިންތިޚާބު ބާއްވާނެއެވެ. އެއީ ނަތަންޔާހޫގެ ސަރުކާރު ކަފުންކުރުމާއި ނުކުރުން ގުޅިފައިވާ އިންތިޚާބެކެވެ. އެ އިންތިޚާބުގެ ކެމްޕޭނުގައި ނަތަންޔާހޫވެސް ގޮވަމުން އެގެންދަނީ މިޒާތުގެ ތަކެއްޗެވެ. ޖޭޑީ ވޭންސާއި ޓްރަމްޕުގެ ގޮވެލިތަކަކީ ނޮވެމްބަރު ތިނެއްގައި އެމެރިކާގައި ބާއްވާ މިޑްޓާރމް އިންތިޚާބަށް ކެންޕޭން ކުރުމުގެ ނުވަތަ ރައްޔިތުން ވާވެއްދުމުގެ ގޮވެލިތަކެކެވެ. އެމެރިކާގައި އިންތިޚާބު ބާއްވަނީ އިޒްރޭލުގެ އިންތިޚާބަށް އެއްހަފުތާ ފަހުންނެވެ. އެމެރިކާގެ އިންތިޚާބަކީ ރައީސް ޓްރަމްޕުގެ ފިޔަކޮށައިލެވޭނެ ކަމަށް ހީކުރެވޭ އިންތިޚާބެކެވެ. އެހެންވީމާ ރައްޔިތުންގެ ލޮލުގައި އަނދުނެއް އެޅުވޭތޯ ދައްކާފައި ނުދައްކާކަށް ވަކި ވާހަކައެއް ނުބާއްވާނެއެވެ.
އީރާނާ ދެކޮޅަށް އެމެރިކާއިން ހަގުރާމަ ފެށީ ނަތަންޔާހޫ ބުނެ އާދޭސްކޮށްގެންކަމީ މުޅި ދުނިޔެއަށްވެސް އެނގޭ ހަގީގަތެކެވެ. ޚުދު ޓްރަމްޕުގެ އަނގައިންވެސް އެއްފަހަރަށްވުރެ ގިނަފަހަރު އެސިއްރު ވަނީ ބޭރުވެފައެވެ. ނަތަންޔާހޫ ބުނަމުން އައީ އީރާނުގެ ވެރިކަން އެއޮތީ ވަރަށް ބަލިކަށި ވެފައި ކަމަށާއި ބޮނޑިއެއް ދެބޮނޑިއެއް އަޅައިލަނިކޮށް ވެރިކަން ވެއްޓި ނިމިދާނޭ ކަމުގައެވެ. ޓްރަމްޕުވެސް ހީކުރީ އެއީ ތެދެއްކަމުގައެވެ. އެހެންވެގެން ދެވެރިން ގުޅިގެން ފެބްރުއަރީ އަށާވީސްވަނަ ދުވަހު ބޮނޑިއެއް އަޅައިލީއެވެ. އެޔާއެކު ފެށުނު ހަގުރާމަޔަށް ހަމަަސް ފުރިގެންދިޔައިރު އީރާނުގެ ވެރިކަމެއް ނުވެއްޓުނެވެ. ބަލިކޮށެއްވެސް ނުލެވުނެވެ. މިހާރު ޓްރަމްޕު އެހުރީ މިމަޅިން ސަލާމަތް ނުވެވިފައެވެ. ނަތަންޔާހޫ ޖެހި މަޅިންނެވެ. އެހެންވީމާ ދެވެރިންވެސް މިހާރު ގޮވަނީ ހަގީގަތް ފޮރުވުމުގެ ގޮތުން ގުދޯގުދޯއެވެ. ނަތަންޔާހޫގެ ކެމްޕޭނުގައި މިދިޔަ ބުރާސްފަތި ދުވަހު އޭނާވެސް ވަނީ މިޒާތުގެ ގޮވެލިފައްޗެއް އަމުނާލައިފައެވެ. އެއީ ކޮން ވާހަކަތަކެއް ބާވަައެވެ.
ނަތަންޔާހޫ ބުންޏެވެ. އީރާނުގެ ވެރިކަން ވެއްޓޭކަށް ދެންމާގިނަ ދުވަސްތަކެއް ނެތެވެ. މިހާރު އެއޮތީ ވަރަށްވެސް ބަލިކަށިވެފައެވެ. ތަޅުވަައިގަތީމާ އިސާހިތަކު ވެއްޓިދާނެއެވެ. އޭނާގެ އެންމެ އިސްއަމާޒަކީ އެކަން ކުރުންކަމަށްވެސް ބުންޏެވެ. މިފަހަރުގެ އިންތިޚާބުގައި ރައްޔިތުން އޭނާ ހޮވަންޖެހެނީ މިކަން ކުރުމަށެވެ. އީރާނުގެ ވެރިކަން ވައްޓައިލުމަށެވެ. އީރާނުގެ ބިރުވެރިކަން އަބަދަށްޓަކައި ނައްތާލުމަށެވެ. މިމޭރުމުން ނަތަންޔާހޫ ވާހަކަ ދެއްކިިއިރު މިއީ ފާއިތުވި ދޮޅު އަހަރުގެ ތެރޭގައި ނިކަން ގިނަގިނައިން އޭނާގެ އަމިއްލަ އަނގައިން ތަކުރާރު ވަމުން އަންނަ ވާހަކައެއްކަމާއި އައު ވާހަކައެއް ނުވަތަ އައު ވައުދެއް ނޫންކަން އިޒްރޭލުގެ ރައްޔިތުންނަށް އެނގެއެވެ. އެހެންވީމާ ގަބޫލު ކުރެވެނީ މި އިންތިޚާބުގައި ބޮޑުކޮށް ނަތަންޔާހޫ ބަލިވާނޭ ކަމަށެވެ. އެހެންވެއްޖެނަމަ އެވެއްޓެނީ ނަތަންޔާހޫގެ ވެރިކަމެވެ. ވެރިކަން ނިމޭތަނުން އޭނާގެ މައްޗަށް ސަރިޔަތްވެސް ހިންގޭނެއެވެ. މިހާރުވެސް ބަރިބަރިޔަށް ކޮރަޕްޝަނުގެ އެކި ދައުވާތައް އުފުލިފައިވެއެވެ.
އިމާދު ލަތީފު
ބާސެލޯނާ
ހުނަރު
ކޮމެންޓް