ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުސާރަ ބޮޑުކުރަން ނިންމީ ދައުލަތް ހިންގާ ބާރުތަކުގެ މެދުގައި ހަމަކަމާއި އިންސާފު ގާއިމުކުރުމަށް ކަމަށް، ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ، މަޖިލިސް ރައީސްގެ މުސާރަ ބޮޑުކުރަން ނިންމި ނިންމުން ރައްޔިތުންނަށް ސާފުކޮށް ކިޔައިދޭން ޖެހޭ ކަމަށެވެ.
"ހަގީގަތުގައި މަޖިލިސް ރައީސްގެ މުސާރަ ކުޑަ، މަޖިލީހުގެ ނާއިބު ރައީސްގެ މުސާރައަށްވުރެ ކުޑަވާނެ، ސަބަބަކީ މަޖިލީހުގެ ރައީސަކީ ހަމައެކަނި މުސާރަ ލިބޭ މަގާމެއް، މަޖިލިސް ރައީސަކަށް ކޮމިޓީ އެލަވަންސެއް ނުލިބޭ. ނުލިބުމުގެ ސބަބުން މަޖިލިސް ރައީސްގެ މުސާރަ ކުޑަ މަޖިލީހުގެ ނައިބު ރައީސަށްވުރެ،" ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ އެކަން ކުރުމުގެ އަނެއް ބޭނުމަކީ، ބާރުތަކުގެ ވެރިންގެ މުސާރަ ހަމަހަމަ ކުރުން ކަމަށެވެ. ފަލާހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ ދައުލަތުގެ ތިންބާރުގެ ތެެރެއިން ގާނޫނު ހަދާ ބާރުގެ ވެރިފަރާތް ކަމަށެވެ. އެހެންކަމުން އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރުގެ ވެރިޔަށް ހުންނަ ފަރާތާއި ގާނޫނު ހަދާ މަޖިލީހުގެ ވެރިޔަކަށް ހުންނަ ފަރާތުގެ މުސާރައާ ތަފާތުވާން ޖެހޭ ސަބަބެއް އޮތްކަމަށް ދެކިވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ، މަޖިލިސް ރައީސްގެ މުސާރަ ބޮޑުކުރީ، މަޖިލިސް ރައީސް ވިދާޅުވެގެންނޫން ކަމަށެވެ. ނަމަވެސް އެކަމަކީ ވީހާވެސް ހަމަހަމަކަމާއި އިންސާފުން ކަންތައް ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފެނިގެން ކުރިކަމެއް ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުސާރަ ބޮޑު ކުރުމަށްޓަކައި އިތުރު އެލަވަންސެއްގެ ގޮތުގައި 22،000 ރުފިޔާ ދޭން މިިދިޔަ ހަފުތާގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ވަނީ ފާސްކޮށްފައެވެ.
މަޖިލީހުގެ ރައީސަށް މިހާރު ލިބެނީ 73125 ރުފިޔާ ކަމަށާއި ނައިބު ރައީސަށް 91،000 ރުފިޔާ ކަމަށާއި މެންބަރުންނަށް ލިބެނީ ކޮމިޓީ އެލަވަންސާއެކު 82،500 ރުފިޔާ ކަމަށް ކޮމިޓީގެ އެދުވަހުގެ ބައްދަލުވުމުގައި އިދާރީ މޭޒުން ބުންޏެވެ.
ނަމަވެސް 22،000 ރުފިޔާގެ އެލަވަންސެއް މަޖިލިސް ރައީސަށް ހަމަޖެއްސުމުން، މަޖިލިސް ރައީސަށް 95125 ރުފިޔާ، ނައިބު ރައީސަށް 91000 އަދި މެންބަރުންނަށް ލިބޭނީ 82500 ރުފިޔާކަމުން އެ ފަރާތްތަކުގެ މުސާރައިގެ ފަރަގު ތަފާތުވެގެންދާނެ ކަަމަށްވެސް ބުންޏެވެ.
މި ބަދަލު ގެންނާން ކޮމިޓީގެ އެދުވަހުގެ ބައްދަލުވުމުގައި ދެކޮޅު ހެއްދެވީ އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މެންބަރު ހަނިމާދޫ ދާއިރާގެ އަބްދުލްގަފޫރު މޫސާ އެވެ. ގަފޫރު ވިދާޅުވީ ދުނިޔޭގެ މަޝްރަހު މިވަގުތު ހުރިގޮތުން އެއީ ކުރަން ރަނަގަޅު ކަމެއް ނޫން ކަމަށާއި އެކަމަށް ގަބޫލު ނުވެވޭނެ ކަަމަށެވެ.
ނަމަވެސް މި މައްސަލައަށް ބަހުސް ކުރެއްވުމަށްފަހު، ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ހުށަހަޅުއްވައި ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުﷲ ތާއީދު ކުރައްވައިގެން މަޖިލިސް ރައީސަށް އެ އެލަވަންސް ހަމަޖައްސަން ޕީއެންސީގެ މެޖޯރިޓީ ބޭނުންކޮށްގެން ވަނީ ފާސްކޮށްފައެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ކޮމެންޓް