ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރައްވަމުން ގެންދަވަނީ، ރައްޔިތުން ވިދާޅުވި ގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ފޮނަދޫ ދާއިރާގެ މަޖިިލިސް މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދިކޮޅު މެންބަރުން ދެއްކި ވާހަކަތަކަކާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ މިފަހަރު ރައްޔިތުން ދިނީ މި ވަގުތު ވެރިކަމުގައި އޮތް ޕީއެންސީއަށް ކަމަށެވެ.

"ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ކުރަމުން މި ގެންދަނީ ރައްޔިތުން މަޖިލީހާ ހަވާލު ކުރި މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމަށް، ރައްޔިތުން ވިދާޅުވި ގޮތަށް، އަޅުގަނޑުމެން މަސައްކަތްކުރަމުން މިދަނީ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕީއެންސީއަށް ރައްޔިތުން ދިނީ ވަކި މަގުސަދެއް ހާސިލު ކުރަން ކަމަށެވެ. އެހެންކަމުން މަޖިލީހުން ނިންމާ ނިންމުމަކީ ރައްޔިތުން ބޭނުންވާ ގޮތަށް ނިންމާ ނިންމުންތަކެއް ކަމަށާއި، އެކަންކަން ނިންމަނީ ރައްޔިތުންގެ އަގުލަބިއްޔަތު އޮތްގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން މަޖިލީހުން ނިންމާ ކަންކަމަކީ، ސަރުކާރުން ވަކި ގޮތަކަށް ބުނެގެން ނުވަތަ، ވަކި މީހަކު ވަކި ގޮތަކަށް ބުނެގެން ނިންމާ ނިންމުމެކޭ ނުބުނެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.