ޓެކްސްގެ އަދަދު އެޕީލްކުރުމުގެ ކުރިން، އިއުތިރާޒުކުރާ އަަދަދުގެ 100 ޕަސެންޓް ދައްކަން ޖެހޭ ހާލަތު ކަނޑައެޅުމަށް ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް އިސްލާހު ހުށަހަޅައި ބަހުސް ފަށައިފިއެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ޓެކްސް ނެގުމުގެ އިދާރީ ގާނޫނަށް އިސްލާހު ގެންނަން މި ބިލް ހުށަހެޅުއްވީ، ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ ބޭނުމެއް ކަމަށް ބިލުގައި ބުނެފައި ވަނީ، ޓެކްސް ދައްކާ ފަރާތަކުން ދައްކަން ޖެހޭ ޓެކްސްގެ އަދަދު މީރާއިން ކަނޑައަޅައި، އެފަދައިން ކަނޑައަޅާ އަދަދާމެދު އިއުތިރާޒުކޮށް މީރާގެ ނިންމުން ޓެކްސް އެޕީލް ޓްރައިބިއުނަލްގައި އިސްތިއުނާފުކުރާ ހާލަތުގައި، އިސްތިއުނާފުގެ އެފަދަ މައްސަަލަތައް ހުށަހެޅުމުގެ ކުރިން މީރާއިން ކަނޑައެޅި އަދަދުގެ ތެރެއިން އިއުތިރާޒުކުރާ އަދަދުގެ 100 ޕަސެންޓް ދައްކާން ޖެހޭނެ ހާލަތްތައް ކަނޑައެޅުން ކަމަށެވެ.
ބިލުގައި ބުނެފައި ވަނީ، ޓެކްސް ދައްކާ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅަނީ އެ ގާނޫނުގެ 39 ވަނަ މާއްދާގެ ދަށުން މީރާއިން ކަަނޑައަޅާ ޓެކުހުގެ އަދަދާ ގުޅިގެން ނަމަ، އެ މައްސަލަ އިސްތިއުނާފު ކުރެވޭނީ، އިސްތިއުނާފުކުރާ އަދަދުގެ 50 ޕަސެންޓާ އެއްވަރުގެ އަދަދެއް ދައްކައި ނިންމުމަށް ފަހުގައިކަމަށެވެ. އަދި އިއުތިރާޒުކުރާ އަދަދުގެ 100 ޕަސެންޓް ދައްކާން ޖެހޭ ހާލަތުތައް ބިލުގައި ތަފްސީލުކޮށްދީފައިވެއެވެ.
ނަމަވެސް މީރާއިން ކަނޑައަޅާ އަދަދުގެ ނަތީޖާއަކީ އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ކުރިއަށް ހިސާބުކުރާ މުއްދަތެއްގައި އުނިކުރެވޭނެ ގެއްލުމުގެ އަދަދު ކުޑަވުން ކަމަށް ވާނަމަ، އެ ގެއްލުން ކުޑަވި މިންވަރާ ގުޅިގެން އެ މައްސަލަ ހައްލުކުރުމަށް މީރާއަށް އަދަދެއް ދައްކަން ނުޖެހޭނެކަމަށްވެސް ބިލުގައިބުނެފައިވެއެވެ.
ބިލު ގާނޫނަކަށް ވުމުން އެކުލަވައިލާން ޖެހޭ ގަވާއިދުތަކާއި، ގެންނަން ޖެހޭ އިސްލާހުތައް ގެނެސް 90 ދުވަހުގެ ތެރޭގައި އެ ބަދަލުތައް ގެޒެޓުގައި ހިމަނަންވާނެކަމަށް ބިލުގައި ބުނެފައިވެއެވެ.
މި ގާނޫނަށް އަމަލުކުރަން ފަށާނީ ގާނޫނު ތަންފީޒުކޮށް ގެޒެޓުގައި ޝާއިއުކުރާ ހިސާބުންނެވެ.
އިބްރާހިމް ޒަކީ
ކޮމެންޓް