އާންމު ނިކަމެތި ރައްޔިތުންގެ އަތުން ގަވާއިދުން ޓެކްސް ނަގަމުންދާއިރު، ބޮޑެތި ވިޔަފާރިތަކުން ދައުލަތަށް ދައްކާން ޖެހޭ ފައިސާއިން ނުރެކެވޭނެ ހަމަހަމަ އުސޫލެއް އޮންނާން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) މިއަދު ވިދާޅުވެއްޖެއެވެ.

ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުގެ ބަހުސްގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، 2010 ވަނަ އަހަރު ޓެކްސް ނިޒާމު ތައާރަފުވި ފަހުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެ، ރައްޔިތުންގެ ފުދުންތެރިކަމަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.

ނަމަވެސް، ދައުލަތަށް ލިބެން ޖެހޭ ފައިދާ އާއި އާމްދަނީ އެންމެ އެދެވޭ ގޮތުގައި ނުލިބި ހިފެހެއްޓިފައި ހުންނަ މައިގަނޑު ސަބަބަކީ ބޮޑެތި ބައެއް ވިޔަފާރިވެރިން ސިޔާސީ ނުފޫޒުގެ ބޭނުން ހިފައިގެން ޓެކްސް ނުދައްކާ ލަސްކުރުން ކަމަށް ވެސް ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވި ގޮތުގައި ބައެއް ވިޔަފާރިވެރިން އެކި ބަހަނާތަކާއި އެޕީލްތައް ދައްކައިގެން ފަސް އަހަރު ހޭދަކުރުމަށްފަހު، ރިޔާސީ އިންތިހާބުތަކާ ދިމާކޮށް ސިޔާސީ ޕާޓީތަކަށާއި ލީޑަރުންނަށް ކުޑަ ފައިސާކޮޅެއް ދީގެން ޓެކްސް ދެއްކުމުން ރެކިގަންނަ ކަމަށެވެ. އިންތިހާބުގެ ދެ ބުރު ދޭތެރޭގައި އެތައް ސަތޭކަ މިލިއަން ރުފިޔާއެއް މާފުކޮށްދޭ މަންޒަރު ފެނިގެންދާ ކަމަށާއި، ދިވެހި ރައްޔިތުންގެ ހައްގު އެކުލެވޭ އެފަދަ ބޮޑެތި ފައިސާތައް މާފުކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖެއަކީ ބޮލަކަށް ޖެހޭ އާމްދަނީގެ ނިސްބަތުން ފަގީރު ގައުމެއް ނޫންކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ ދައުލަތަށް ލިބެން ޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން ރަށްރަށުގެ އަސާސީ ހިދުމަތްތަކާއި ތައުލީމާއި ސިއްހީ ދާއިރާގެ ހިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް ދަތިތައް ކުރިމަތިވާ ކަމަށެވެ. އެހެންކަމުން، މިހާރު ހުށަހެޅިފައިވާ އިސްލާހަކީ ދައުލަތަށް ލިބެން ހުރި ފައިސާ ހޯދުމަށް ގާނޫނީ އިތުރު ބާރުވެރިކަން ލިބިގެންދާނެ މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.