އެންމެ ދަށް ފަންތިން މުސާރަ ލިބޭ ފަރާތްތަކަށް މުސާރަ ބޮޑުނުކޮށް، މަތީފަންތީގައި ތިބި ބާރުވެރިންގެ މުސާރަ ބޮޑުކޮށްގެން ނުވާނެ ކަމަށް ވިދާޅުވެ، އުއްތަމަ ފަނޑިޔާރާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ރަށު ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމާ ދެކޮޅަށް އިދިކޮޅު އެމްޑީޕީގެ މެންބަރުން ރައްިޔތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވައިފިއެވެ.
އެގޮތަށް އެމްޑީޕީ މެންބަރުން ވާހަކަދެއްކެވީ، އުއްތަމަ ފަނޑިޔާރުގެ މުސާރަ 95،000 ރުފިޔާއަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުސާރަ 95،125 ރުފިޔާއަށް، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ 75،500 ރުފިޔާއަށް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައި އެ މައްސަލަ މަޖިލިސް ތަޅުމަށް ހުށަހެޅުމުން، އެ މައްސަލައިގެ ބަހުސްގައި ވާހަކަދައްކަވަމުންނެވެ. މީގެ އިތުރުން ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމަށްޓަކައި 5،000 ރުފިޔާގެ އެލަވަންސެއް ދޭންވެސް ކޮމިޓީން ވަނީ ނިންމައިފައެވެ.
މި މައްސަލައިގެ ބަހުސްގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވީ، ޕޭ ހާމަނައިޒޭޝަންގެ މައްސަަލަތައް މާލިއްޔަތު ކޮމިޓީ އާއި އެހެން ބައެއް ކޮމިޓީތަކުގައި ފުނިޖެހިފައި އޮއްވައި، އެއިން އެއްވެސް މައްސަލައެއް ނުނިންމައި، އެބޭފުޅުންގެ މުސާރަ ބޮޑުކުރަން ކުއްލިއަކަށް ނިންމުމުން ސުވާލު އުފެދޭ ކަމަށެވެ.
ސްކޫލްތަކުގެ ސެން ޓީޗަރުންގެ ރިސްކް އެލަވަންސް ކަނޑައިލި މައްސަލައިން ފެށިގެން، ހޮސްޕިޓަލުތަކާއި ޓީޗަރުންނާއި ރަށްރަށުގެ އިދާރީ މުވައްޒަފުން ހުށަހެޅި އެތައްހާސް މައްސަލަތަކެއް ހުއްޓައި އެ މައްސަލަތައް ހައްލުނުކޮށް، ކޮމިޓީ ބައްދަލުވުން ފެށުމާއެކު ހުށަހަޅައި މިނެޓެއްގެ ތެރޭގައި އެ ފަރާތްތަކުގެ މުސާރަ ބޮޑުކުރަން ނިންމި ނިންމުމަށް ތާއީދު ނުކުރައްވާ ކަމަށް ޝަމްހީދު ވިދާޅުވިއެވެ.
ޝަމްހީދު ވިދާޅުވީ، ގައުމު މިވަގުތު އޮތް ހާލަތުން މިވަގުތު އެ ފަރާތްތަކުގެ މުސާރަތައް ބޮޑުކުރުމަކީ ރައްޔިތުން އެދޭގޮތް ނޫން ކަމަށެވެ. އޭގެ ބަދަލުގައި މަޖިލީހުން ކަންކަން ކުރަންޖެހޭނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.
ޝަމްހީދު ވިދާޅުވީ، މަޖިލީހުން އަބަދުވެސް މަސައްކަތް ކުރަނީ، ދައް ފަންތީގައި ތިބި މީހުން ހާލުގައި ބައިތިއްބާފައި މަތީފަންތީގައި ތިބި ބާރުވެރިންނަށް ރަނގަޅު ގޮތް ހޯދައިދޭގޮތަށް ކަމަށެވެ.
ރާއްޖޭގައި އެންމެގިނަ މީހުންނަށް ލިބޭ މުސާރައަކީ 9000 ރުފިޔާ ކަމަށް ބައިނަލްއަގުވާމީ ސްޓެޓިސްޓިކްސްއިން ދައްކާ ކަމަށްވެސް ވިދާޅުވިއެވެެ.
"ގައުމުތަކަށް ބަލައިލާއިރު މިނިމަމްވޭޖާއި މަޖިލިސް މެންބަރެއްގެ މުސާރައާ ކޮމްޕެއާ ކޮށްލައި ބައެއް ގައުމުތަކަށް ބަލައިލާއިރު ދިވެހިރާއްޖޭގައި ޓީޗަރަކާއި މަޖިލިސް މެންބަރެއްގެ މުސާރައާ ދޭތެރޭގައި އެބައުޅޭ ހަތަރު ގުނައަށްވުރެ މައްޗަށް. ނަމަވެސް އެ ނިސްބަތް ދުނިޔޭގައި އާންމުކޮށް އުޅެނީ ދެގުނައަށް، މާނައަކީ މަޖިލިސް މެންބަރަކަށް 80،000 ރުފިޔާ ގެއަށް ގެންދަން ލިބެންޏާ ޓީޗަރަކަށް ލިބެންޖެހެއޭ 40،000 ރުފިޔާ. މިއީ ބައިނަލްއަގުވާމީ މިންގަނޑު، މިކަންކަން ރަނގަޅުކުރަން މި މަޖިލީހުން މަސައްކަތް ކުރަންޖެހޭނީ އަޅުގަނޑުގެ އެއްވެސް މައްސަލައެއް ނެތް. މިއަދު މަޖިލީހުގެ ރައީސްގެ މުސާރަ 95،000 އަށް ބޮޑުކުރާކަށް. އެކަމަކު ރާއްޖޭގެ މިނިމަމްވޭޖް އެބަޖެހޭ 20،000 ނޫނީ 25،000 ހަމަޖައްސަން،" އޭނާ ވިދާޅުވިއެވެ.
ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ، އުއްތަމަ ފަނޑިޔާރާއި މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކޮށް، އެކަން ދިފާއު ކުރުމަށް ޕީއެންސީ މެންބަރުން ދައްކާ ވާހަކައިން ހީވަނީ އެމީހުން ބަނޑަށްތިބޭހެން ކަމަށެވެ.
ނަމަވެސް މަޖލިސް ރައީސަކީ މިހާރުވެސް ބޮޑު މުސާރައެއްގެ އިތުރުން ދައުލަތުން ދެ މިލިއަން ރުފިޔާގެ ބަޖެޓަކާއެކު ހުންނާނެ ގެއަކާއި ދަތުރު ކުރުމުގެ ވަޒީލަތްތައް ހަމަޖައްސާފައިވާ ބޭފުޅެއް ކަމަށާއި، ވަޒީރުންނަކީވެސް ބޮޑު މުސާރައަކާއި ދަތުރުފަތުރު ހަމަޖައްސައިދީފައިވާ ބައެެއް ކަމަށެވެ. މިހާރު ލިބެމުން އަންނަ މުސާރައިން ވެސް އެ ފަރާތްތަކަކީ ހަމަޖެހިގެން އުޅެމުން އަންނަ ބައެއް ކަަމަށްވެސް ގަފޫރު ވިދާޅުވިއެވެ.
ނަމަވެސް ސިވިލް ސާވިސްް މުވައްޒަފެއްގެ މުސާރައަކީ އާއިލާއެއް ގޮވައިގެން ވަރަށް ދަތިހާލުގައި އުޅެވޭ ވަރުގެ މުސާރައެއްކަމުން، އެ ފަރާތްތަކުގެ މުސާރަ ރަނގަޅު ނުކޮށް އުއްތަމަ ފަނޑީޔާރާއި މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކޮށްގެން ނުވާނެ ކަމަށްވެސް ގަފޫރު ވިދާޅުވިއެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ތުހުމަތުކުރެއްވި ގޮތުގައި މި ދަނޑިވަޅުގައި އެ ފަރާތްތަކުގެ މުސާރަ ބޮޑުކުރީ، ރަސްމާލޭގައި ހިންގަން އުޅޭ 20 ބިލިއަން ރުފިޔާގެ މަޝްރޫއާ ދެކޮޅަށް ދައުލަތުގެ ބާރުތަކުގެ ވެރިން ވާހަކަދައްކަފާނެތީ ސަރުކާރުން ކުރި ކަމެއް ކަމަށެވެ.
އެކަމަކީ ރަސްމާލެ މަޝްރޫއަށް ނުފޫޒު ފޯރުުވުން ކަމަށާއި، އެކަމަކީ މަޖިލިސް ބޭނުންކޮށްގެން ދައުލަތް ގަނެލުން ކަމަށްވެސް މީކާއީލް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ކޮމެންޓް