ސަރުކާރުން ފޮނުއްވާ ގާނޫނުތަކަށް ހެޔޮ ބަދަލުތައް ގެނެސްދީ ސަރުކާރު ހިންގުމަށް ފަސޭހަ ކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ޒިންމާ ބަރާބަރަށް އަދާކުރައްވަމުން ގެންދަވާކަަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލިސް މެންބަރުންގެ ސަމާލުކަމަށް، މެންބަރުންނާ މުހާތަބު ކުރައްވައި މަޖިލިސް ރައީސް ވިދާޅުވީ، މަޖލީހުގެ މެންބަރުން ވާންޖެހޭނީ ހަމަހަމަ ކަމަށް ލޯބިކުރާ، އިންސާފު ގާއިމް ކުރުމަށް އެއްބާރުލުންދޭ ބަޔަކަށް ކަމަށެވެ.
ގައުމެއްގެ ހަމަޖެހުން ބިނާވެފަައި އޮންނަނީ އެ ގައުމުގައި އަދުލު އިންސާފު ގާއިމްވެފައި އޮންނަ މިންވަރެއްގެ މައްޗަށް ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން އެކަމަށް މަގުފަހިވާގޮތަށް މަސައްކަތް ކުރުމަކީ ރައްޔިތުންގެ މަންދޫބުންގެ އެންމެ އިސް މަސްއޫލިއްޔަތުކަމަށް ގަބޫލުފުޅު ކުރައްވަންވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"މި މަޖިލީހުން މަސައްކަތް ކުރަމުން މި ގެންދަނީ ރާއްޖޭގެ އެކިއެކި ދާއިރާތަކުގައި ހުރި ތަފާތުތައް ނައްތާލުމަށްޓަކައި ސަރުކާރުން ފޮނުއްވާ ގާނޫނުތަކަށް ހެޔޮ ބަދަލުތައް ގެނެސްދީ ސަރުކާރު ހިންގުމަށް ފަސޭހަ ކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ޒިންމާ މިދަނީ ބަރާބަރަށް އަދާކުރަމުން، ރައްޔިތުންގެ މަޖިލީހެއް ދެމިއޮތުމުގެ މާނައަކީ، ގާނޫނުތަކަށް ބަދަލު އަންނަންޖެހެއޭ، ގާނޫނުތައް އިސްލާހު ކުރަންޖެހެއޭ، ގާނޫނުތައް އުވާލަން ޖެހެއޭ،"
މަޖިލިސް ރައީސް ވިދާާޅުވި، އެހެން ނޫންނަމަ ގާނޫނުއަސާސީ އިސްލާހުވެ ތަސްދީގު ކުރުމާ އެކީ ރައްޔިތުންގެ މަޖިލިސް އުވިގެންދާނެއެވެ. ނުވަތަ ރައްޔިތުންގެ މަޖިލީހަށް ގާނޫނުއަަސާސީއަކުން ގާނޫނު އިސްލާހު ކުރުމާއި ގާނޫނު ބަދަލު ކުރުމާއި ގާނޫނު އުވާލުމާއި އަލަށް ގާނޫނުތައް ހެދުމުގެ ބާރު ދީފައެއް ނޯތީހެވެ.
"އެހެންނޫނީ އޮންނާނީ، ކުރީގަ އޮންނަގޮތަށް ގާނޫނެއް ހަދަންވީމަ، ގާނޫނެއް އުވާލަންވީމަ، ގާނޫނެއް އިސްލާހު ކުރަންވީމަ، ހާއްސަ މަޖިލިސް އެއްކުރުމުގެ އުސޫލެއް، ނަމަވެސް އަލަށް އަޅުގަނޑުމެން ހިޖުރަކުރި ގާނޫނުއަސާސީ އޮންނަގޮތުން ގާނޫނު އަސާސީން މިވަނީ ބާރުދީފަ ރައްޔިތުންގެ މަޖިލީހަށް، އެ މަސްއޫލިއްޔަތު އަދާކުރުމަށް، އެހެންވީމަ ގާނޫނުތަކަށް ބަދަލު ގެނައުމަކީ ކަންބޮޑުވާންޖެހޭ ކަމެއްނޫން،"
އެހެންކަމުން ޒަމާނާއި ހާލަތާއި ވަގުތާ އެއްގޮތަށް ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލު ފަސޭހަަ ކަމާއެކު ގެނައުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައި ވަނީ މަޖިލީހަށް ކަމަށާއި، އެ މަސްއޫލިއްޔަތު ބަރާބަރަށް މަޖިލީހުން އަދާކުރަމުން ގެންދާ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ކޮމެންޓް