ދައުލަތަށް ލިބޭ ފައިސާއިން ކުރާ ކަމަކީ ދަރަނި ދައްކައި، ގައުމުގެ އިގްތިސާދު ކޮޅަށް ޖެހުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލިސް ރައީސް މިހެން ވިދާޅުވީ، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި، ޓެކްސް ނެގުމުގެ އިދާރީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި ޓެކްސްތައް ބޮޑުކޮށްގެން ދައުލަތަށް ނަގާ ޓެކްސް ފައިސާއިން ކުރަނީ ކޮންކަމެއްތޯ ވިދާޅުވެ އިދިކޮޅު މެންބަރުން ކުރެއްވި ސުވާލުތަކަަަށް ޖަވާބު ދެއްވަމުންނެވެ.

އިކޮޅު އެމްޑީޕީ މެންބަރުން ރިޔާސަތަށް ތަކުރާރުކޮށް ސުވާލު ކުރެއްވީ ޓެކްސް ބޮޑުކޮށްގެން ދައުލަތަށް ލިބޭ ފައިސާ އިތުރުވަމުންދިޔަ ނަމަވެސް ދައުލަތުން ވި ވައުދާ އެއްގޮތަށް، ސިއްހީ ހިދުމަތް ލިބުމާއި ބޭސް ލިބުމުގެ އިތުރުން ޑޮޑަލު ލިބުން ފަސޭހަ ނުވާ ކަމަށެވެ. ރަށްރަށުގައި ފަށާފައިވާ ތަރައްގީގެ ޕްރޮޖެކްތައް ކުރިއަށް ނުގޮސް ހުއްޓިފައިވާއިރު، ދައުލަތަށް ލިބޭ ފައިސާއިން ކުރަނީ ކޮން ކަމެއްތޯ، ތަކުރާރުކޮށް ރިޔާސަތާ ސުވާލު ކުރެއްވިއެވެ.

އެކަމާ ގުޅިގެން މަޖިލިސް ރައީސް ވިދާާޅުވީ، ފައިސާ ހޯދައިގެން އެކި ބޭފުޅުން ކުރައްވާނީ އެކި ކަންކަން ކަމަށެވެ.

އެގޮތުން އެއްބައި ބޭފުުޅުން ކުރައްވާ ކަމަކީ އެ ބޭފުޅުންގެ ޖީބު ބޮޑު ކުރައްވައި، އަމިއްލަ ކުންފުނިތައް މުއްސަނދި ކުރައްވަނީ ކަމަށެވެ.

އަނެއްބައި ބޭފުޅުން މި ކުރައްވާ ކަމަކީ އެ ގޮތަށް އަމަލު ކުރެއްވި ބޭފުޅުން އެގޮތަށް އަމަލު ކުރައްވައިގެން ބަނގުރޫޓު ކޮށްލާފަ އޮތް ގައުމު އަލުން ސަލާމަތްކޮށް އިގްތިސާދު ނަގާ ކޮޅަށް ޖައްސަވައި ދަރަނިތައް ދެއްކުން ކަމަށްވެސް ވިދާޅުވިއެވެ.

"އެއީ އަސްލު އެ ފައިސާއިން ކުރާ ކަމަކީ، އެ ފައިސާއިން އެމަގަށް ކަންކަން ކުރީމާ މިއަދު ސަލާމަތުން އޮތް ގައުމެއް އަޅުގަނޑުމެނަށް މި ލިބުނީ، އެއީ ރައްޔިތުންނާއި ގައުމަށް ޓެކްސް ފައިސާ ހޯދައިގެން މި ސަރުކާރުން ކޮށްދެއްވާ ކަންތައްތަކަކީ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.