ސާފް ޗެމްޕިއަންޝިޕް ތާރީހުގައި މުޅީން އަލަށް ވީއޭއާރްގެ އެހީ ބޭނުންކުރަން މަސައްކަތް ކުރަމުން އަންނައިރު، "ވީއޭއާރް ލައިޓް"ގެ ބޭނުން ރަސްމީކޮށް ކުރާނީ ސެމީ ފައިނަލާއި ފައިނަލުގައި ކަމަށް އެ އިދާރާގެ ޖެނެރަލް ސެކްރެޓަރީ ޕުރުޝޮޓަމް ކަޓޭލް ބަންގްލަދޭޝް ނޫސްތަކަށް މައުލޫމާތު ދެއްވައިފިއެވެ.

މިއަހަރު ބަންގްލަދޭޝްގައި ބާއްވަން ނިންމާފައިވާ ސާފް ޗެމްޕިއަންޝިޕް ފަށާނީ ނޮވެމްބަރު ފަސްވަނަ ދުވަހުއެވެ. އަދި މުބާރާތް ނިމޭނީ 17 ވަނަ ދުވަހުއެވެ. ޖުމުލަ ހަ ޓީމާއެކު މުބާރާތް ކުރިއަށްދާ އިރު، ރާއްޖެ ހިމެނެނީ ޕާކިސްތާނާއި އިންޑިއާއާ އެއް ގްރޫޕެއްގައެވެ. އަނެއް ގްރޫޕުގައި ހިމެނެނީ ބަންގްލަދޭޝްއާއި ސްރީ ލަންކާ އަދި ބޫޓާނެވެ.

ސާފްގެ ޖެނެރަލް ސެކްރެޓަރީ ކަޓޭލް "ދަ ޑެއިލީ ސްޓާ"އަށް ވިދާޅުވީ ސާފްގައި ބޭނުންކުރާނީ "ވީއޭއާރް ލައިޓް" ކަމަށެވެ. އަދި ރަސްމީކޮށް ސެމީ ފައިނަލާއި ފައިނަލުގައި އެ ޓެކްނޮލޮޖީ ބޭނުންކުރަން ނިންމާފައިވީ އިރު، ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކުގައި ޓެކްނޮލޮޖީ ޓެސްޓް ކުރުމަށް ބޭނުންކުރާނެ ކަމަށްވެސް އޭނާ މައުލޫމާތު ދެއްވާފައިވެއެވެ.

"ވީއޭއާރް ލައިޓް"އަކީ ވީއޭއާރް ރަސްމީ ޓެކްނޮލޮޖީއެއް ނޫނެވެ. އެއީ އޭގެ ތެރެއިން ބައެއް ވަސީލަތްތަކުގެ ބޭނުންކުރާ ބަޖެޓް ވީއޭއާރް ސިސްޓަމެކެވެ. އެއީވެސް ފީފާއާއި އައުއެފްއޭބީން ގަބޫލުކުރާ ސިސްޓަމެކެވެ. އާންމުކޮށް "ވީއޭއާރް ލައިޓް" ބޭނުންކުރަނީ ދަށް ލީގުތަކުގައާއި ބަޖެޓް މުބާރާތްތަކުގައެވެ. އެއީ އާންމުކޮށް އެ ވަސީލަތްތައް ގާއިމުވެފައި ނުވާ ދަނޑުތަކުގައި ބޭނުންކުރާ ސިސްޓަމެކެވެ.

ކަޓޭލް ވިދާޅުވެފައި ވަނީ ސާފްގެ މެޗުތައް ކުޅޭ ބަންގްލަދޭޝްގެ ގައުމީ ދަނޑުގައި ވީއޭއާރް ފުލް ސިސްޓަމް ބޭނުންކުރެވޭ ވަރަށް ވަސީލަތްތައް ތަރައްގީ ކުރެވިފައިނުވާ ކަމަށެވެ. އަދި ސާފްގައި ބޭނުންކުރާ "ވީއޭއާރް ލައިޓް" ސިސްޓަމްވެސް ބޭނުންކުރާނީ ރިމޯޓް ލޮކޭޝަނަކުން ކަމަށްވެސް އޭނާ ފާހަގަކުރައްވާފައިވެއެވެ.

ސާފް ޗެމްޕިއަންޝިޕްގެ ގިނަ މެޗުތަކަށް ބަންގްލަދޭޝްގެ ދަނޑު ފުރޭނެ ކަމަށް އަންދާޒާކޮށްފައިވާ އިރު، މިހާރު ވަނީ ޓިކެޓްގެ އަގު ކަނޑައަޅައިފައެވެ. އެއާއެކު ބަންގްލަދޭޝްގެ ބައެއް ސަޕޯޓަރުން ވަނީ ޓިކެޓް އަގުބޮޑުކަމަށް ބުނެ ފާޑުވެސް ކިޔައިފައެވެ. އެހެން ނަމަވެސް ސާފުން ވަނީ އެކަން ދިފާއުކޮށް ވާހަކަ ދައްކައިފައެވެ.

ސާފުން އިތުރަށް ފާހަގަކުރީ ސާފް ޗެމްޕިއަންޝިޕްގެ ހުރިހާ މެޗުތަކަކީވެސް ފީފާ އެއްވަނަ ޓަޔާގެ އެކުވެރިކަމުގެ މެޗުތަކެއް ކަމަށެވެ.