އަމިއްލަ ގައުމުގައި ސާފް ޗެމްޕިއަންޝިޕް ބާއްވަން ވާހަކަ ދެއްކި ހިސާބުންވެސް ބަންގްލަދޭޝްއަށް އޮތީ ތަށީގެ ޕްރެޝަރެކެވެ. އެގައުމުން މިދިޔަ އަހަރުތަކުގައި ގައުމީ ޓީމު ވަރުގަދަ ކުރުމަށް އެތައް ކުޅުންތެރިންނެއް ގެނެސްފިއެވެ. އިނގިރޭސިވިލާތަށް އުފަން އެގައުމުގެ ކުޅުންތެރިންނާއި ޖަޕާނަށް އުފަން ކުޅުންތެރިންގެ އިތުރުން އެމެރިކާއަށް އުފަން ކުޅުންތެރިންވެސް ގައުމީ ޓީމުގައި ހިމަނައިގެން އެ މަސައްކަތް ޓެސްޓްވެސް ކޮށްފިއެވެ. އަދި އެންމެ ކާމިޔާބެއްވެސް ނޫނެވެ. އެހެންނަމަވެސް އަންނަ މަހު އެގައުމުގައި ފަށާ ސާފް ޗެމްޕިއަންޝިޕަށް ޓީމަށް އޮތް ޕްރެޝަރު ކުޑައެއް ނޫނެވެ. މުޅި ގައުމު ބޭނުންވަނީ ތަށްޓެވެ.

ބަންގްލަދޭޝްއިން އެންމެފަހުން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރީ 2003 ވަނަ އަހަރުއެވެ. އެއީވެސް އަމިއްލަ ގައުމުގައެވެ. އެ ހަނދާންތަކަށް އެނބުރި ދާން މުޅި ބަންގްލަދޭޝް ތައްޔާރުވަމުންދާ އިރު، އެ އުންމީދުތަކާއެކު ޕްރެޝަރު ބޮޑުވެފަ އޮތީ ޓީމަށެވެ. ކިރިޔާ ގޯހެއް ހެދުނަސް މީޑިއާއިންވެސް ދަނީ އެކަމުގައި ވަރުގަދައަށް ފާޑުކިޔަމުންނެވެ. އެންމެފަހުން ބަންގްލަދޭޝްއިން ވާދަކުރީ މާވަރުގަދަ ގައުމުތަކެއް ވާދަކުރި ފީފާ އާސިއާން ކަޕްގައެވެ. އެ މުބާރާތުގެ ނަތީޖާތަކަށްވެސް ބޮޑެތި ފާޑުކިޔުން އަމާޒުވިއެވެ. ކޯޗު ތޯމަސް ޑޫލީއަށްވެސް ފާޑުކިޔުން އަމާޒުވިއެވެ. ޖަވާބުދާރީ ވާންވެސް ޖެހުނެވެ. ޑޫލީ ކުޅުންތެރިންނަށް އުންމީދު ކަނޑާލި ކަމަށްވެސް މީޑިއާތަކުގައި ސިފަކޮށްފައިވެއެވެ.

"އަހަރެން މި ކުޅުންތެރިންނަށް އިތުބާރުކުރަން. އަހަރެން ކޮންމެ މެޗަކަށްވެސް ފުރިހަމައަށް ތައްޔާރުވާނަން. އަދި ކޮންމެ ޓީމަކާ ދެކޮޅަށްވެސް ނުކުންނަން ޖެހޭނީ ސީރިއަސްކޮށް ވިސްނައިގެން. އަހަރެމެންނަކަށް ބޫޓާނާ ދެކޮޅަށްވީމަ، ފަސޭހަ މެޗެކޭ ކިޔައިފަ ނުނުކުމެވޭނެ. އަހަރެމެން ޖެހޭ ހުރިހާ މެޗެއްގައިވެސް ފުރިހަމައަށް ތައްޔާރުވާން،" ޑޫލީ، ގައުމީ ޓީމުގެ ޕްރެކްޓިސްތަކުގައި ނޫސްވެރިންނާ ވާހަކަދައްކަމުން ބުންޏެވެ.

ޑޫލީ ނޫސްވެރިންނަށް ބުނީ އޭނާ، އާސިއާން ކަޕަށްފަހު ކުޅުންތެރިންނަށް އުންމީދު ގެއްލުވާލި ކަމަށް ބައެއް މީޑިއާތަކުން ބުނި ނަމަވެސް، އެއީ ދެއްކި ވާހަކައިން ނެގި ނުބައި މާނައެއް ކަމަށެވެ. ގޯސް ހެދުމުން ގޯހެއްގެ ވާހަކަ ބުނުމަކީ އިތުބާރު ނުކުރުން ކަމަށް ބެލުން އެއީ އެންމެ ރަނގަޅު ވިސްނުމެއް ނޫން ކަމަށްވެސް ޑޫލީ ބުންޏެވެ.

"އަހަރެމެންނަކީ ރޮބޮޓުންނެއް ނޫން. މި ހުރިހާ ކުޅުންތެރިންގެވެސް ހުންނާނެ ހާސްވާނެ ވަގުތުތައް. އެވަގުތު ގޯސް ހެދިދާނެ،" ޑޫލީ ބުންޏެވެ.

ކޯޗު އިތުރަށް ބުނީ މީޑިއާއާއި ސަޕޯޓަރުންގެ ކިބައިންވެސް އާދޭހާއެކު އެދެނީ ބިނާކުރުވަނިވި މަޝްވަރާކުރަން އަބަދުވެސް މަސައްކަތްކޮށް، ޓީމަށް ތަށްޓާ ހަމައަށް ދާން ފަސޭހަ މަގެއް ކޮށައިދިނުމަށް ކަމަށެވެ. އަދި ކުޅުން ދަށްވުމުން ފާޑުކިޔުމަކީ މައްސަލައެއް ނޫން ކަމަށްބުނެ ޑޫލީ ބުނީ މުޅި ގައުމު އެކަތިގަނޑެއްގެ ގޮތުގައި ޓީމަށް ތަށި ހޯދައިދޭން މަސައްކަތް ކުރުމަށެވެ.