މިދިޔަ 2025 ވަނަ އަހަރަށް ހިއްސާގެ ފައިދާގެ ގޮތުގައި ކޮންމެ ހިއްސާއަކަށް ތިން ރުފިޔާ ބެހުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ހިއްސާދާރުން މިއަދު ފާސްކޮށްފިއެވެ.

އެމްޓީސީސީން މިރޭ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، މޫނުމަތީ އަގު ފަސް ރުފިޔާގެ ކޮންމެ ހިއްސާއަކަށް ތިން ރުފިޔާ ބަހަން މިރޭ ބޭއްވި އެ ކުންފުނީގެ 2025 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.

މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ (އެމްއެސްޑީ)ގެ އޮންލައިން ވެބް އެޕްލިކޭޝަން "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި 59 ހިއްސާދާރުން ބައިވެރިވިއެވެ. އަދި ޕްރޮކްސީ މެދުވެރިކޮށް 14 ހިއްސާދާރުން ތަމްސީލުކުރި އިރު، މި ޖަލްސާގައި މުޅިއެކު 5،602،272 ހިއްސާ ނުވަތަ ހިއްސާދާރުންގެ 69.75 އިންސައްތަ ވަނީ ތަމްސީލުވެފައެވެ.

މީގެ އިތުރުން، 2025 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާއަށްފަހު، އާންމު ހިއްސާދާރުން ތަމްސީލުކުރައްވާ ޑިރެކްޓަރުންގެ ތެރެއިން ނޮން-އެގްޒެކެޓިވް އިންޑިޕެންޑެންޓް ޑިރެކްޓަރު މުހައްމަދު އިމްރާން އަދުނާނާއި ނޮން-އެގްޒެކެޓިވް ޑިރެކްޓަރު ނަސްރަތު މުހައްމަދު ވަނީ ދައުރު ހަމަވުމާއެކު މަގާމުން ވަކިވެވަޑައިގެންފައެވެ.

އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރާ ދެ ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލެއްވި ފަރާތްތައް އިވެލުއޭޓްކުރުމަށް ފަހު، ނޮން-އެގްޒެކެޓިވް އިންޑިޕެންޑެންޓް ޑިރެކްޓަރުގެ މަގާމަށް އައްޔަނުކުރެއްވީ ހުސައިން ހަސަންފުޅެވެ. އަދި އާންމު ހިއްސާދާރުން ތަމްސީލުކުރައްވާ ޑިރެކްޓަރުންގެ ތެރެއިން މިވަގުތު ހުސްވެފައިވާ މަގާމަށް ޑިރެކްޓަރަކު އިންތިހާބުކުރުމަށްޓަކައި، ހާއްސަ އާންމު ޖަލްސާއެއް ބޭއްވުމަށް ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކުރުމަށް ފަހު އާންމުކޮށް އިއުލާނުކުރާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

ހިއްސާގެ ފައިދާގެ އިތުރުން، މި ޖަލްސާގައި ވަނީ ކުންފުނީގެ 2025 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ ބެލެންސް ޝީޓާއި، ފައިދާއާއި ގެއްލުމުގެ ހިސާބާއި، ޑިރެކްޓަރުންގެ ރިޕޯޓު ފާސްކޮށްފައެވެ. ހަމައެއާއެކު، 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާއާއި ކުންފުނީގެ ހިންގާ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހުތައް ވެސް ހިއްސާދާރުން ފާސްކުރިއެވެ. އަދި 2026 ވަނަ އަހަރަށް އެމްޓީސީސީގެ އޮޑިޓަރުގެ ގޮތުގައި ހިއްސާދާރުން ހޮވާފައިވަނީ ޑެލޮއިޓް ޕާޓްނާސްއެވެ.

ޓެކުހަށް ކެނޑުމަށްފަހު އެމްޓީސީސީއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 84.8 މިލިއަން ރުފިޔާއެވެ. އެއީ އޭގެ ކުރީ އަހަރަށްވުރެ ގާތްގަނޑަކަށް ދެ ގުނަ ބޮޑު އަދަދެކެވެ.