އެމްޑީޕީ ފަހަކަށް އައިސް އަމާޒު ހިފާފައިވާ މިސްރާބާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ދީން ނެގުމަކީ ރައްޔިތުން ކުރާ އިތުބާރު ވަރުގަދަވާނެ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިއަދު ނެރުއްވި ބަޔާނެއްގައި މިހެން ވިދާޅުވެފައި މިވަނީ، އެ މަނިކުފާނުގެ ޕާޓީގެ އިސްބޭފުޅުން ހިމެނިވަޑައިގަންނަވާ ގޮތަށް، ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކާ ގުޅިގެންނެވެ.
ނަޝީދު ނެރުއްވި ބަޔާނުގައި ވިދާޅުވި ގޮތުގައި، ތަނަވަސްކަން ހޯދައިދޭނެ ޕްރޮޖެކްޓްތައް ޒަޔަނިޒަމްއާ ގުޅުވައި، އަސާސެއް ނެތް ވާހަކަތައް ކުރިއެރުވުމަކީ އާންމު ބަހުސް ހީނަރުކޮށް، ގައުމީ އަދި ސިޔާސީ ކަންކަމުގެ ސީރިއަސްކަން ކުޑަކޮށްދޭ ކަމެކެވެ.
އެ ބަޔާނުގައި ނަޝީދު ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީ އުފެދިގެން އައީ އިންސާނީ ހައްގުތަކާއި، ހުޅުވިފައިވާ ވިސްނުމާއި، ގިނަ ޕާޓީ އެކުލެވޭ ޑިމޮކްރެޓިކް ނިޒާމެއް މެދުވެރިކޮށް ތަނަވަސްކަމާއި އިންސާފުވެރިކަމާއި ހަމަހަމަކަން ހޯދުމަށް ވަކާލާތުކުރަމުންނެވެ. ނަމަވެސް މިހާރު އެ ޕާޓީ ސިފަވާ ގޮތް ތަފާތުވާން ފަށާފައިވާ ކަމަށާއި، ބިދޭސީން ދެކެ ބިރުގަންނަ އަދި ހައްދުފަހަނައެޅި ވަތަނީ ގައުމިއްޔަތެއް ކުރިއަރުވައި އެފަދަ ބޯދާ ފަލްސަފާއަކަށް ވަކާލާތުކުރާ ބައެއްގެ ގޮތުގައި އެމްޑީޕީ ސިފަވާން ފަށާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއީ އެ ޕާޓީގެ ސިޔާސީ ތަބީއަތު ކަނޑައެޅި އެންމެ ކުރީގެ ގިނަ މެންބަރުންނާއި ސަޕޯޓަރުން ޕާޓީގެ ފަލްސަފާ ތަސައްވަރުކުރި ގޮތެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، އިންތިހާބުތަކުގެ ކާމިޔާބީ ބިނާވެފައިވަނީ ޕޮޕިއުލިސްޓް ރުޅިވެރިކަމާއި ބިރުވެރިކަމާއި ބައިބައިވުމުގެ ތެރެއިން އާންމުންގެ ޖަޒުބާތު ކައްކުވައިގެން ކަމަށް ޕާޓީގެ ތެރޭގައި ބަޔަކު ގަބޫލުކުރާ ކަހަލަ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެން ނަމަވެސް، މި ސްޓްރެޓެޖީގެ ސަބަބުން ތާރީހީ ގޮތުން އެމްޑީޕީ ދަމަހައްޓަމުން އަންނަ ހަމައަށް ބުރޫއެރުމުގެ ނުރައްކާ އޮތް ކަމަށް އެމަނިކުފާނު އިންޒާރުދެއްވިއެވެ. އަދި މަތިވެރި އިސްލާމީ އުސޫލުތަކުގައި ސާބިތުވެ ތިބެ، ގިނަ ގޮތްތައް ހިމެނޭ މުޖުތަމައެއްގެ ދިވެހިވަންތަކަން ބިނާކުރުމަށާއި، ހުޅުވިފައިވާ ސިކުނޑީގެ އަހުލުވެރިންގެ ގައުމަކަށް ދިވެހިރާއްޖެ ބަދަލުކުރުމުގެ ވިސްނުމަށް މީގެ ސަބަބުން ދެރަ ލިބޭ ކަމަށް ވިދާޅުވިއެވެ. ކުރު މުއްދަތެއްގެ ސިޔާސީ ފައިދާ ހޯދުމަށްޓަކައި ޕާޓީގެ މައިގަނޑު އަސާސްތަކާ ދުރުވުމަކީ ހަމައެކަނި މަގުފުރެދުމެއް ނޫން ކަމަށާއި، އެއީ ސްޓްރެޓެޖިކް ގޮތުން އަމިއްލައަށް ބަލިވުން ކަމަށްވެސް ނަޝީދު ސިފަކުރެއްވިއެވެ.
އެމްޑީޕީ މިވަގުތު އޮތީ ހަތަރު އަނގޮޅިއެއްގެ ކަންމަތީގައި ކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، "ޓަކާ، ޓަކާ" މަގު ކަމަށް އެމްޑީޕީ މީގެ ކުރިން ބުނަމުން އައި މަގަށް އެ ޕާޓީ އެނބުރިއްޖެ ނަމަ، ޕާޓީގެ ތަބީއަތާއި ގޮތާއި ފޮތް ގެއްލިގެން ދިއުމުގެ ނުރައްކާ އެބައޮތް ކަމަށެވެ. އަދި އަމިއްލަ ނަފްސު ފަނާކުރަނިވި މަގެއްގައި ޕާޓީ ނުވާނެ ކަމަށް ނުހަނު އުންމީދުކުރައްވާ ކަމަށްވެސް ނަޝީދުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ރަސްމާލޭގައި ރެސިޑެންސީ ޓޫރިޒަމަށް 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރުމަށް ސަރުކާރުން ޔޫއޭއީގެ އީގަލް ހިލްސްއާ ހަވާލުކުރުމާ ގުޅިގެން އެމްޑީޕީގެ އިސްވެރިންގެ ހިޔާލު ތަފާތެވެ. އެގޮތުން ރައީސް ނަޝީދު މުޅިން އެ މަޝްރޫއާ ދެކޮޅު ހައްދަވާފައިނުވާ އިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޝްރޫއާ ދެކޮޅެވެ. އަދި ނަޝީދުގެ ތާއީދާއެކު ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވެސް އެ މަޝްރޫއާ ދެކޮޅެވެ.
އިދިކޮޅު ބައެއް ފަރާތްތަކުން މަޝްރޫއާ ދެކޮޅަށް ވާހަކަދައްކަމުންދިޔަ ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ އެ ވާހަކަތަކަކީ ރައްޔިތުންނަށް އޮޅުވާލަން ދައްކާ ވާހަކަތަކެއްކަން ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެގޮތުން ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ގެނެސްދޭ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި މިދިޔަ ބުދަ ދުވަހު ރައީސް ވިދާޅުވި ގޮތުގައި، ޔޫއޭއީގެ އީގަލް ހިލްސްއިން ރަސްމާލޭގައި ތަރައްގީކުރާ ހޮލިޑޭ ހޯމްސް ސަރަހައްދުގައި ނޭދެވޭ އެއްވެސް ކަމެއް ނުހިނގާނެއެވެ.
ރައީސް ވިދާޅުވީ، ރަސްމާލޭގެ މި އިންވެސްޓްމަންޓަކީ ރައްޔިތުން ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށާއި، އޭގައި އޮތީ މުޅިންވެސް ރައްޔިތުންނަށް ފައިދާ ކަމަށެވެ. އަދި އިދިކޮޅު ސިޔާސީ ފަރާތްތަކުން އިހުލާސްތެރި ނިޔަތެއް ނެތި މި މަޝްރޫއު އޮޅުވާލަން މަސައްކަތްކުރި ނަމަވެސް، މިއީ މީހުން ދިރިއުޅޭ ފަސްގަނޑެއްގައި ހެދޭ ތަނަކަށް ވާތީ ނުރައްކާތެރި ހުރިހާ މަގުތަކެއް ބަންދުކުރެވިފައި ހުންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މި މަޝްރޫއުގެ ދެފުށް ފެންނަ މިންވަރު ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ރިއަލް އެސްޓޭޓް ޓޫރިޒަމާ ގުޅޭ ހާއްސަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ފޮނުވާނެ ކަމަށެވެ. އެ ބިލު ގާނޫނަކަށް ވުމުގެ ކުރިން، ރައްޔިތުންގެ ހިޔާލާއި މަޝްވަރާއަށް ގާތްގަނޑަކަށް ދެތިން ހަފްތާއަށް މަޖިލީހުން އާންމުކޮށް ހުޅުވާލާނެ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މި މަޝްރޫއުގެ އެއްބަސްވުން އެކުލަވާލެވުމުން، އެ ފުރިހަމަ އެއްބަސްވުންވެސް ދާއިމީ ކޮމިޓީއަކުން ބެލުމަށްޓަކައި މަޖިލީހަށް ފޮނުއްވާނެ ކަމަށާއި، ޒިންމާދާރު ސަރުކާރަކަށް މިއަށްވުރެ ފުރިހަމައަށް މިކަން ނުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރަސްމާލޭގެ އެ ސަރަހައްދުގައި އޮންނާނެ އުސޫލުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވި ގޮތުގައި، އެ ތަނުގައި ކަންކަން އޮންނާނީ ރިސޯޓުތަކަށް ވުރެވެސް ހަނިކޮށެވެ. އެގޮތުން އެ ސަރަހައްދުގައި ރަލާއި އޫރުމަސް ނުވިއްކޭނެ ކަމަށާއި، ކެސިނޯއެއް ނުހުންނާނެ ކަމަށެވެ. އަދި ރޯދަމަހު އާންމުކޮށް މަގުމަތީގައި ކައިބޮއި ނޫޅެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި އެ ތަނުގައި މިސްކިތް ހުރެ ފަސް ވަގުތު ބަންގި ގޮވާނެ ކަމަށާއި، ބޭރުގެ އެއްވެސް ފަރާތެއްގެ ކޮންޓްރޯލް އޮންނަ ނުވަތަ އެ ނޫން ގޮތަކަށްވެސް ސްކޫލެއް ނުވަތަ ތައުލީމީ މުއައްސަސާއެއް އެ ތަނުގައި ނުހުންނާނެ ކަމަށް ވިދާޅުވިއެވެ.
އެ ތަނަކީ ދިވެހި ފުލުހުން ތިބޭ، ރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތައް އަދި ދައުލަތުގެ ހުރިހާ ބާރެއް ހިނގާނެ ތަނެއްކަން ފާހަގަކުރައްވައި، ގާނޫނު ފޮނުވާއިރު އެއްވެސް ގައުމެއްގެ ރައްޔިތުންނަށް އެ ތަނުގެ 25 އިންސައްތައަށް ވުރެ ގިނައިން ޕްރޮޕަޓީ ނުވިއްކޭނެ ގޮތަށް އޮންނާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ދިވެހިންނަށް އެއްވެސް ލިމިޓެއް ނޯންނާނެ ކަމަށާއި، ޕާސްޕޯޓުގެ އިތުރުން ކޭވައިސީ މެދުވެރިކޮށް ހުރިހާ ގޮތަކުން ޗެކްކޮށް، އިޒްރޭލުގެ އެއްވެސް ރައްޔިތަކަށް އެ ތަނުން ޕްރޮޕަޓީ ގަތުމާއި ކުއްޔަށް ހިފުމުގެ އިތުރުން އެންމެ ދުވަހަކަށް މަޑުކޮށްލަންވެސް ނާދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި އިންވެސްޓްމަންޓުގެ ސަބަބުން މުޅި ރަސްމާލެ ތަރައްގީވެގެންދާނެ ގޮތް ސާފުކޮށްދެއްވަމުން ރައީސް ވިދާޅުވީ، އެ ތަނަށް ބޭނުންވާ ކަރަންޓާއި ހިދުމަތްތައް ސަރުކާރު އަތުން ގަންނަ ގޮތަށް މަޝްރޫއު ބައްޓަންކޮށްފައިވާތީ، މުޅި ރަސްމާލޭގެ ކަރަންޓާއި ފެނާއި ނަރުދަމާ ގާއިމުކޮށްދޭން ގިނަ ފަރާތްތަކަކުން މިހާރުވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އެހެންކަމުން، ބާކީ އޮތް 650 ހެކްޓަރު ތަރައްގީކުރުމުގައި މަޑުޖެހުމެއް ނެތި، އެންމެ ގިނަވެގެން 10 އަހަރުގެ ތެރޭގައި މުޅި ރަސްމާލެ އެއްކޮށް ތަރައްގީވާނެ ކަމަށް ވިދާޅުވިއެވެ.
މާލޭގެ ރައްޔިތުންނާއި، ދަފްތަރާއި، 15 އަހަރު ވަންދެން މާލޭގައި އުޅުނު މީހުން ހިމެނޭހެން، ގޯއްޗަށް ކުރިމަތިލި ހުރިހާ ކެޓަގަރީއަކުން ޝަރުތު ހަމަވާ އެންމެންނަށް ރަސްމާލެއިން ގޯތި ކަށަވަރުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، މި މަޝްރޫއުގެ ފުރަތަމަ ސޭލްއިން ލިބޭ 10 އިންސައްތައިގެ ތެރެއިން އިންވެސްޓަރު ކުރިއަށް ހަރަދުކުރާ 500 މިލިއަން ޑޮލަރު ބޭނުންކޮށްގެން، ސަރުކާރުން އަނބުރާ ދައްކަން ނުޖެހޭ ގޮތަށް ހުޅުމާލޭގައި ހުރިހާ އަސާސީ ހިދުމަތްތަކާއެކު 5،000 ހައުސިން ޔުނިޓް އަޅާނެ ކަމަށް ރައީސް ވިދާޅުވިއެވެ. 2028 ވަނަ އަހަރުގެ އޯގަސްޓް މަހާ ހަމައަށް ދާއިރު އޭގެ ސްޓްރަކްޗަރާއި ބޭރުގެ ފިނިޝިންގެ ބޮޑު ބައި ނިމި، ޒުވާނުންނާއި ރިސޯޓުތަކާއި މަސްވެރިކަން ފަދަ އެކި ދާއިރާތަކުގެ މަސައްކަތްތެރިންގެ ތެރެއިން އަދި ބޯހިޔާވަހިކަން ނުލިބޭ ފަރާތްތަކަށް އިސްކަންދީގެން އެ ތަންތަން ރަޖިސްޓްރީކޮށް ދޫކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ކޮމެންޓް