އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެފަހުގެ ޗެމްޕިއަން އާސެނަލުން ރޭ ލިވަޕޫލް ބަލިކުރި މެޗުގައި ރެފްރީގެ ފަރާތުން ބޮޑު ގޯހެއް ހެދި ކަމަށް ލިވަޕޫލް ކޯޗު، އަންޑޯނީ އިރައޯލާ ބުނެފިއެވެ.

ލިވަޕޫލްގެ އެންފީލްޑްގައި އާސެނަލުން 1-0 އިން މޮޅުވި އިރު، މިއީ މިދިޔަ 14 އަހަރު ތެރޭގައި ލީގު މެޗެއްގައި އާސެނަލުން ލިވަޕޫލް ދަނޑުގައި މޮޅުވި ފުރަތަމަ ފަހަރެވެ. ރޭގެ ކުރިން އެންފީލްޑްގައި އާސެނަލުން ލީގު މޮޅެއް ހޯދާފައި އޮތީ 2012 ވަނަ އަހަރުއެވެ.

މެޗުގައި އާސެނަލްގެ ކައި ހަވާޓްސް ގޯލް ޖަހައި ލީޑު ނަގާފައި އޮއްވައި، ލިވަޕޫލުން ގޯލެއް ޖަހަން ކުރި މަސައްކަތުގެ ތެރެއިން ނުރައްކާކުރިއެވެ. އެގޮތުން ބްރެޑްލީ ބާކޯލާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ގޯލް ޖަހަން އުޅުމުގެ ތެރޭގައި އެލެކްސެންޑާ އިސާކް ޖާޒީގައި ޖޫރިއެން ޓިމްބާ ހިފެހެއްޓި މަންޒަރު ފެނިގެން ދިޔައެވެ.

އެއީ ފައުލެއްތޯ ވީއޭއާރް ބެލި ނަމަވެސް، ވީއޭއާރް ރެފްރީ ސްޓާޓް އަޓްވެލް ކަނޑައެޅީ ފައުލެއް ވާވަރަށް ހިފަހައްޓާފައި ނުވާ ކަމަށެވެ.

"ހަމަ ޔަގީނުންވެސް ޖާޒީގައި ހިފެހެއްޓި. އިސާކް އޭރު އޮތީ ޓިމްބާގެ ކުރިއަށް އަރައި، ހިފަހައްޓައިގެން ގޯލް ނުޖެހުނީވެސް. ހަމަ ޔަގީނުންވެސް އިސާކް ޑައިވްކޮށް ވެއްޓުނު ނަމަވެސް، 100 ޕަސެންޓް ޔަގީން ޕެނަލްޓީ ދޭނެކަން. އެހެންވީމަ ކޯޗުން ބުނަންވީ ވެއްޓެން. އަހަރެންވެސް ދެން ބުނާނަން ޑައިވް ކުރަން،" އިރައޯލާ ބުނެފައިވެއެވެ.

އިރައޯލާ ރުޅި އައިސްފައި ހުރެ ބުނެފައި ވަނީ ޕެނަލްޓީ ހޯދަން ޑައިވް ކުރަން ފެށުން ނޫން ގޮތެއް ނެތް ކަމަށެވެ. އަދި އިސާކަށް ޕެނަލްޓީ ނުލިބުނީ އޭނާގެ ޑިސިޕްލިން ރަނގަޅުވުމުން ކަމަށް ފެންނަ ކަމަށްވެސް އޭނާ ބުންޏެވެ.

އޭގެފަހުންވެސް ލިވަޕޫލުން ވަނީ ޕެނަލްޓީއަކަށް ޝަކުވާ ކޮށްފައެވެ. އެއީ ކްރިސްޓޯސް ޒޮލިސްގެ ޕްރެޝަރާއެކު ކޯޑީ ގަކްޕޯ ވެއްޓުމުންނެވެ. އެއަށްވެސް ރެފްރީ ޕެނަލްޓީ ދީފައެއް ނުވެއެވެ.

ރޭގެ މެޗަށްފަހު ލިވަޕޫލްގެ ކެޕްޓަން ވާޖިލް ވެން ޑައިކްވެސް ވަނީ އެ ޕެނަލްޓީ ނުދިނުން އެއީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށް ބުނެފައެވެ.