ދައުލަތުގެ އާމްދަނީއަށް 496،300،302 (496 މިލިއަން) ރުފިޔާ އިތުރު ކުރެވޭގޮތަށް އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލު ދިރާސާ ކުރުމަށް އަލުން މަޖިލީހުގެ އިގުތިސާދީ ކޮމިޓީއަށް ފޮނުވަން މުޅި މަޖިލީހުގެ ކޮމިޓީން ނިންމައިފިއެވެ.

ސަރުކާރުގެ ފަރާތުން ވިލުފުށި ދާއިރާގެ ޕީއެންސީ މެންބަރު ހަސަން ވަހީދު މި ބިލު މަޖިލީހަށް ހުށަހެޅުއްވީ، މިދިޔަ އޮކްޓޫބަރު މަހުގެ 21 ގައެވެ. ހަމަ އެ ދުވަހު ބިލުގެ އިބްތިދާއީ ބަހުސް ނިންމައި ބިލު މަޖިލީހަށް ބަލައިގަތެވެ.

އެހެންކަމުން އެ ބިލު އިތުރަށް ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވިކަން އެ ދުވަހުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާން ކުރެއްވިއެވެ.

ނަމަވެސް އެ ބިލު ދިރާސާކުރަން މިއަދު ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި ވަނީ، އެ ބިލު ދިރާސާކުރަން މަޖިލީހުގެ އިގުތިސާދީ ކޮމިޓީއަށް ފޮނުވަން ފާސްކޮށްފައެވެ.

ބިލު އިގުތިސާދި ކޮމިޓީއަށް ފޮނުވަން ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ. ތާއީދުކުރެއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ. އެ ބިލް އިގުތިސާދީ ކޮމިޓީއަށް ފޮނުވީ މުޅި މަޖިލިސް ކޮމިޓީގައި ތިއްބެވި 50 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 47 މެންބަރުންގެ އިއްތިފާގުންނެވެ.

މި ބިލުގެ ބޭނުމަކީ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބު ކުރުމުގައި ޓެކްސް ދައްކާ ފަރާތުން ދައްކަން ޖެހޭ އިންޓްރެސްޓް އުނިކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް މުރާޖައާ ކުރުމަށް އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމެވެ.

ބިލުގައި ބުނެފައިވަނީ އިންޓްރެސްޓް ކެޕޭސިޓީގެ ގޮތުގައި ބަލާނީ، ޓެކްސް ހިސާބުކުރާ މުއްދަތުގައި އެ ފަރާތުގެ ޓެކްް-އެބިޓްޑާގެ 25 ޕަސެންޓް ކަމަށެވެ. މިހާރު އަމަލުކުރަމުންދާ އާމްދަނީން ޓެކްސް ނެގުމާ ބެހޭ ގާނޫނުގައި ހިމެނޭ ބައެއް ބައިތައް އުނިކުރުމަށް ވެސް ބިލުގައި ހިމަނާފައިވެއެވެ.

މި ބިލު ތަންފީޒު ކުރަން ފެށުމުން ދައުލަތުގެ އާމްދަނީ އިތުރުވާނެ ކަމަށް ލަފާކޮށްފައިވާ އިރު، ބިލު ތަންފީޒު ކުރުމަށް ހުށަހަޅާފައިވަނީ އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. މި ބަދަލާއެކު އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި 496،300،302 ރުފިޔާ ލިބޭނެ ކަމަށް ބިލުގައި އަންދާޒާ ކޮށްފައިވެއެވެ.