ހެލްތު އެންޑް ފެމިލީގެ ނަމުގައި ހުޅުމާލޭ ސެންޓްރަލް ޕާކްގައި އެކްސްޕޯއެއް ބޭއްވުމަށް ނިންމައިފިއެވެ.

ހެލްތު މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި، އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި އެކްސްޕޯ ބާއްވަނީ "ދުޅަހެޔޮ އުފާވެރި ޖީލަކަށް އެންމެން އެކުގައި" މި ޝިއާރުގެ ދަށުންނެވެ. މިއީ މި އެކްސްޕޯ ބާއްވާ ތިންވަނަ ފަހަރެވެ.

މި އަހަރުގެ އެކްސްޕޯގައި 60 އަށްވުރެ ގިނަ ސްޓޯލް ބެހެއްޓިފައި ހުންނާނެއެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި، ކްލިނިކްތަކާއި، ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން އަތޮޅުތެރޭގެ ރީޖަނަލް ހޮސްޕިޓަލެއް ހިމެނެއެވެ.

ހެލްތު މިނިސްޓްރީން ބުނީ، މި އެކްސްޕޯގެ ހަރަކާތްތައް ފަރުމާކޮށްފައިވަނީ މި ދާއިރާއާ ގުޅުންހުރި އެންމެހާ މުއައްސަސާތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި ހެލްތު ފެސިލިޓީތަކުން ދެމުންގެންދާ ހިދުމަތްތައް އެއްތާކުން އެންމެންނަށް ފޯރުކޮށްދީ، އެ މުއައްސަސާއާ ގުޅޭ ޝަކުވާތައް ބަލައިގަނެ ޖަވާބުދާރީވުމާއެކު، އާއިލާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ގޮތަށް ކަމަށެވެ.

މީގެ އިތުރުން ސިއްހީ، އިޖުތިމާއީ އަދި ދުޅަހެޔޮ އުފާވެރި އާދަތަކަށް އާންމުން ހޭލުންތެރިކުރުވުމާއި، ދެ ޖިންސުގެ ހަމަހަމަކަމާއި، ނާޒުކު ހާލަތްތަކުގައި އުޅޭ ފަރާތްތަކަށް ބޭނުންވާ މައުލޫމާތާއި، ގައުމީ އިޖުތިމާއީ ސިއްހީ އިންޝުއަރެންސް ސްކީމުތަކާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވޭނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

އެކި އުމުރުފުރާތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ކުޑަކުދިންނަށް ހާއްސަ ހެލްތު ޗެކަޕާއި، މިންހެޔޮ ކާނާއާއި ހެދިބޮޑުވުމާ ގުޅޭ މައުލޫމާތާއި، ވެކްސިން އަދި އެހެނިހެން ސިއްހީ މައުލޫމާތު ދިނުން ހިމެނެއެވެ. އަދި ބިދޭސީންނަށް ހާއްސަކޮށްގެން ސިއްހަތާ ގުޅޭ މުހިންމު މައުލޫމާތާއި ހެލްތު ސްކްރީނިން ކުރިއަށްގެންދާ އިރު، ޒުވާނުންނަށް ހާއްސަ ހަރަކާތްތަކާއި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ މައުލޫމާތުވެސް ފޯރުކޮށްދެވޭނެއެވެ.

މީގެ އިތުރުން ފުޑް ސްޓޯލްތަކާއެކު ކެއުންބުއިމުގެ އާދަތަކާ ގުޅޭ މައުލޫމާތު ދިނުމާއި، މިއުޒިކް ޝޯތަކާއި ބިރުވެރި ހޮހޮޅަ ފަދަ މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް މި އެކްސްޕޯގެ ތެރެއިން ކުރިއަށްދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.