ވެރިކަމުގެ ދަހިވެތިކަމާއި ހަސަދަވެރިކަމުގެ ކުރިއަށް ގައުމީ ސަލާމަތާއި ފުދުންތެރިކަމާއި ދިވެހި ކޮންމެ ފަރުދެއްގެ އުފާވެރިކަމަށް ތަންދޭން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވި ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ނަސްރުގެ ދުވަހުގެ ހާދިސާއަށް ގާތްގަނޑަކަށް 40 އަހަރު ފުރެން ކައިރިވަމުން އަންނަ އިރު، ތާރީހުން ފިލާވަޅު ލިބިގަނެ، ސިޔާސީ ޖަޒުބާތުގެ ކުރިއަށް ގައުމީ އިހުލާސްތެރިކަން ނެރެން ޖެހޭ ކަމަށެވެ. އަދި ޒާތީ އަރާރުންތަކުގެ ކުރިއަށް ޖަމާއަތުގެ ބާއްޖަވެރިކަން އިސްކުރަން ޖެހޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި، 17 ނޮވެމްބަރު 2023 ގައި ރައްޔިތުންނާ އެންމެ ފުރަތަމަ މުހާތަބުކުރެއްވިއިރުވެސް އެންމެ ބޮޑަށް އިޝާރާތްކުރެއްވީ ފުން އަނދަވަޅެއްގައި އޮތް ރާއްޖޭގެ އިގުތިސާދު ކޮޅަށް ޖަހައި، ދަރަނީގެ ދަންތުރަތަކުން ދައުލަތް ސަލާމަތްކުރުމުގެ މައްޗަށެވެ.

ރާއްޖެ ބަނގުރޫޓުވާނެ ކަމަށް އެކި ފަރާތްތަކުން ދެމުން އައި އިންޒާރުތަކުން ގައުމު ސަލާމަތްކުރައްވާފައިވާ ކަމަށާއި، ޒިންމާދާރުކަމެއް ނެތި ދަރަނި ނަގައި ފައިސާ ޗާޕުކުރަމުން ދިޔަ ސަގާފަތް ނިމުމަކަށް ގެނެސް، ނަގާފައި ހުރި ދަރަނިތައް ދައްކައި ހަލާސްކުރަމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އޭގެ ސަބަބުން ބޭރުގެ އިންވެސްޓަރުންގެ އިތުބާރު އިތުރުވަމުންދާ ކަމަށާއި، ހަތިޔާރުގެ އަޅުވެތިކަމުން ގައުމު މިނިވަންކުރި ފަދައިން ދަރަނީގެ އަޅުވެތިކަމުންވެސް ގައުމު މިނިވަންކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ގައުމީ ސިޔާދަތާއި ދިފާއީ ކަންކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ މަސްލަހަތު ކުރިއަށް ނެރޭ ހާރިޖީ ސިޔާސަތެއް ގާއިމުކޮށް، ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ފޮނުވާލެވިފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ސިޔާދަތީ ބާރުގެ ތެރޭގައި އޮތް ބޮޑު ކަނޑުގެ ސަރަހައްދެއް ދޫކޮށްލުމަށް ފޮނުވި ސިޓީ އަނބުރާ ގެނެސް، ބައިނަލްއަގުވާމީ މައިދާނުގައި ކުރަންޖެހޭ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން، އަސްކަރީ ގޮތުން ގައުމީ ދިފާއީ ބާރުގެ ގާބިލުކަން ހުރިހާ ގޮތަކުން އިތުރުކުރަމުންދާ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މާއްދީ އަދި މާނަވީ ތަރައްގީއަށް އެއްވަރަކަށް އިސްކަންދެއްވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ދިވެހި ވަތަނީ ހިދުމަތުގެ ނަމުގައި ގައުމީ ވިސްނުމުގެ ޒުވާނުން ބިނާކުރުމަށް ފެށި މަސައްކަތުގެ ދަށުން 1،000 އަށްވުރެ ގިނަ ޒުވާނުން މިހާރުވެސް ދަސްވެނިވެފައިވާ ކަމަށެވެ. އަދި އިތުރު އެތައް ސަތޭކަ ޒުވާނުންނެއް ދަސްވެނިވަމުން، ތަމްރީނުތަކާއެކު ވަޒީފާގެ މައިދާނަށް ނުކުންނަމުންދާ ކަމަށް ވިދާޅުވިއެވެ. ރާއްޖޭގެ ސައްތައިން ސައްތަ އިސްލާމްވަންތަކަމާއި ފުރިހަމަ މިނިވަންކަމާއި އަމިއްލަވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް އުނިކަމެއް އަންނާނެ އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވައިފައެވެ.