ނޮވެންބަރު 3ގެ އައްޑަނަ ފަސް ބޭފުޅަކަށް، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު އަރުއްވައިފިއެވެ.
މި ފަސް ބޭފުޅުންނަށް ރައީސް މި އައްޑަނަ ހަވާލުކޮށްދެއްވީ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައެވެ.
މި ޖަލްސާގައި ނޮވެންބަރު 3ގެ އައްޑަނަ ލިބުނީ، 1988 ނޮވެންބަރު 3 ވަނަ ދުވަހުގެ އުދުވާނީ ހަމަލާގެ ވަގުތުގައި ރެކީ ޕެޓްރޯލަށް ނިކުތް މީހުންގެ ތެރެއިން ދުނިޔޭގައި ތިބި ފަސް ބޭފުޅަކަށެވެ. އެ ފަސް ބޭފުޅުންނަކީ ސާޖެންޓް ފަސްޓްކްލާސް (ރިޓަޔާޑް) އިބްރާހީމް ޝަރީފާއި، ސްޓާފް ސާޖެންޓް (ރިޓަޔާޑް) ހުސައިން އަލީއާއި، ސާޖެންޓް (ރިޓަޔާޑް) ހުސައިން މަނިކާއި، ކޯޕްރަލް (ރިޓަޔާޑް) އަބްދުﷲ ނަސީމާއި، ލާންސް ކޯޕްރަލް (ރިޓަޔާޑް) އަބްދުﷲ މުފީދެވެ.
ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާއަށް ރައީސްގެ ދެކަނބަލުން ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވުމުން، އެ ދެކަނބަލުންނަށް އިސްތިގްބާލުކުރެއްވީ ޑިފެންސް މިނިސްޓަރު ހަސަން ރަޝީދާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީއެވެ. އަދި ޖަލްސާ ރަސްމީ ގޮތުން ފެށުމަށްޓަކައި ރައީސަށް ރިޔާސީ ކުރުނީހެއް އެރުވުނެވެ.
މީގެ އިތުރުން، މި ޖަލްސާގައި ރައީސް ވަނީ ދިވެހި ސިފައިންގެ ގައުމީ ލަވަ އަލްބަމް ނެރެދެއްވައި، ގައުމާ މުހާތަބުކުރައްވައިފައެވެ. ހަމައެއާއެކު، ނޮވެންބަރު 3ގެ ހުށަހެޅުމެއްގެ ގޮތުގައި "ލޭގެ ޖިހާދު"ގެ ނަމުގައި ދިވެހި ސިފައިން ވަނީ ތަމްސީލެއް ހުށަހަޅައިދީފައެވެ.
މި ރަސްމީ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި، އުއްތަމަ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދާއި، ދައުލަތުގެ ވަޒީރުންނާއި، ދައުލަތުގެ އިސްވެރިންގެ އިތުރުން އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ނަސްރުގެ ދުވަސް
ނަސްރުގެ ދުވަސް
ނަސްރުގެ ދުވަސް
ނަސްރުގެ ދުވަސް
ކޮމެންޓް