އެއްވެސް ބާރެއްގެ ބަނޑުދަށުގައި އޮތުމުގެ ބަދަލުގައި މަސައްކަތްކުރަންޖެހޭނީ އަމިއްލަ ފައިމައްޗަށް ތެދުވުމަށް ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވި ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އަމިއްލަ އެދުމަށް ވުރެ ދީނާއި ގައުމުގެ މަސްލަހަތު އިސްކުރަންޖެހޭ ކަމަށާއި، ދިވެހިންގެ ކަންކަމުގައި އުޅެން ޖެހޭނީ ދިވެހިން ކަމަށެވެ.
ދުނިޔޭގެ ސަލާމަތީ މަސްރަހަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ބަދަލުވަމުންދާ ދުނިޔޭގައި ތަފާތު އެކި ގައުމުތަކަށް އެކި ގޮތްގޮތަށް ގިނަގުނަ ނުރައްކާތައް ކުރިމަތިވަމުންދާ ކަމަށެވެ. އަދި ދިވެހިންނަކީ މި ސަރަހައްދުގައި އޮތް އެންމެ ޒަމާންވީ މިނިވަން ދައުލަތް ކަމަށާއި، އެއީ ދިވެހި ރައްޔިތުން ގަބޫލުކުރަންވީ ހަގީގަތެއް ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ރާއްޖޭގެ މިނިވަންކަމުގެ ތާރީހު ގުޅިފައިވަނީ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި ދިވެހި ރައްޔިތުން އެއް އަޒުމެއްގައި ދެމިތިބުމުގެ މައްޗަށެވެ. މީގެ އިތުރުން، ނަސްރުގެ ދުވަސް ދިވެހިންނަށް ހަނދާން އާކޮށްދެނީ މާޒީގައި ކާބަފައިން ދައްކައިދިން ނަމޫނާއާ އެއްގޮތަށް ގައުމީ މަސްލަހަތަށް އިސްކަންދޭންޖެހޭކަން ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖޭގެ ދިފާއީ ސިޔާސަތަށް އަލިއަޅުއްވާލައްވަމުން ޑިފެންސް މިނިސްޓަރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒުގެ ދިފާއީ ސިޔާސަތަކީ ބޭރުގެ ބަޔަކަށް ބަރޯސާ ނުވެ، ދިވެހިންގެ މިނިވަންކަމާއި ސިޔާދަތު ދިވެހިން އަމިއްލައަށް ދިފާއުކޮށް ދެމެހެއްޓުން ކަމަށެވެ. ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ކުރިއަށްދަނީ އެ ސިޔާސަތުގެ ދަށުން ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން، އެއްގަމާއި ކަނޑާއި ވައިގެ ތެރޭގައި ހިންގޭ އޮޕަރޭޝަންތަކަށް ސިފައިން ތަމްރީނުކުރުމަށާއި، ސިފައިންނަށް ޒަމާނީ ވަސީލަތްތައް ހޯއްދަވައިދެއްވުމަށް ރައީސް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.
ނަސްރުގެ ދުވަސް
ނަސްރުގެ ދުވަސް
ނަސްރުގެ ދުވަސް
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން
ކޮމެންޓް