ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރި މީހަކު ބަލި ކަމަށް ބަލައި ޝަރުތުތަކާ އެކު ދޫކޮށްލި އަމުރު ހައި ކޯޓުން ބާތިލުކޮށްފިއެވެ.
މި މައްސަލައަކީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މިދިޔަ ޖެނުއަރީމަހުގެ 14 ވަނަ ދުވަހު ދެކުނުގެ ރަށަކަށް ނިސްބަތްވާ އަހްމަދު މޫސާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި މައްސަލައެކެވެ.
އެކި ފަހަރުމަތިން އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރަމުންގޮސް އެންމެ ފަހުން، މުއްދަތު އިތުރުކުރަން މިދިޔަ މާޗްމަހުގެ 14 ގައި ނެރުނު އަމުރުގައި އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ހާލަތުކަމަށް ބަޔާންކޮށްފައި ވަނ،ީ ގާނޫނުއަސާސީގެ އާއި ކުޑަކުދީންނަށް ޖިންސީ ގޯނާކުރާމީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނަށް ރިއާޔަތްކޮށް އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި އަދި އޭނާ ބަންދުން ދޫކޮށްލައިފިނަމަ ހެކިބަސް ދޭން ތިބި ހެކީންނަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލު އޮތުމުން ކަމަށެވެ.
ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ދައުވާ އަހްމަދު މޫސާގެ މައްޗަށް ދަށު ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ މާޗްމަހުގެ ނުވަވަނަ ދުވަހުއެވެ.
އެންމެފަހުން ބަންދުގެ މުއްދަތު އިތުރު ކުރުމުން އުމުރުން 60 އަހަރުންމަތީގެ އަހުމަދު މޫސާގެ ފަރާތުން މެޑިކަލް ލިޔުންތަކެއް ކޯޓަށް ހުށަހަޅައި އޭނާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށާއި ކޮންމެ ތާކަށް ދިޔަޔަސް ދަނީ މީހަކާ އެކީގައި ކަމަށާއި އެހެން ވެ އޭނާ އަކީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ޖެހޭ މީހެއް ނޫން ކަމަށް ބުންޏެވެ.
އޭނާ އަކީ ހާއްސަ އެހީއަށް ބޭނުންވާ މީހެއް ކަމަށާއި ދެ ކިޑްނީގައި މައްސަލަ ޖެހިފައިވާ މީހެއް ކަމަށާއި ތައިރޮއިޑް ބައްޔާއި ރާއްޖެ ބައްޔާއި ނަފްސާނީ ބައްޔާއި ހިތުގެ ބައްޔަށް ވެސް ފަރުވާ ހޯދަމުން އަންނަ ކަމަށާއި، އޭނާ ހައްޔަރުކުރީ ކެންސަރަށް ޓެސްޓުކުރުމަށް ޑޮކްޓަރު ލަފާ ދީފައި ވަނިކޮށް ކަމަށް ވެސް ބުންޏެވެ.
ނަމަވެސް އެ ލިޔުންތަކަށް ބަލައި އަހްމަދު މޫސާ ބަންދުން ދޫކޮށްލަން ޖެހޭ ސަބަބެއް ނެތް ކަމަށް ދައުލަތުން ބުނެފައިވަނިކޮށް، ޑޮކްޓަރަށް ދެއްކުން ފަދަ ކަންކަމުގައި ފުލުހުންގެ ހުއްދައާ އެކު ބޭރަށް ދެވޭ ގޮތަށް އަދި އަނިޔާ ލިބުނު ކުއްޖާ އާއި އެ ކުއްޖާގެ އާއިލާ އާއި ރައްޓެހީންނާ މުއާމަލާތު ނުކުރުމަށާއި އަންގާ ދުވަސްތަކަށް ކޯޓަށް ހާޒިރުވުން ފަދަ ކަންކަމަށް ޝަރުތުކޮށް މެޖިސްޓްރޭޓް ކޯޓުން ނިންމީ އޭނާ ބަންދުން ދޫކޮށްލުމަށެވެ.
މެޖިސްޓްރޭޓް ކޯޓުގެ އެ ނިންމުން ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
އެ މައްސަލަ ބެލުމަށްފަހު މެޖިސްޓްރޭޓް ކޯޓުގެ އަމުރު ބާތިލުކޮށް ހައި ކޯޓުން ކުރި ހުކުމުގައި ވަނީ ބަލި ހާލަތާ ބެހޭ ގޮތުން ހުށަހަޅާފައިވާ ލިޔުންތަކުގައި އަހްމަދު މޫސާ ބަންދުގައި ބަހައްޓައިގެން ނުވާނެ ކަމަށް ބުނަނީ ކޮން ލިޔުމަކަށް ބަލައިގެންތޯ ސުވާލުކުރުމުން އެއަށް ޖަވާބެއް ދެވިފައި ނުވާ ކަމަށެވެ. އަދި އޭނާ އަކީ މިހާރުވެސް ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް މީހެއް ކަމަށް ބަލައި، އޭނާ ބަންދުން ދޫކޮށްލަން މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރު ބާތިލުކުރުމަށް ހައި ކޯޓުން ހުކުމް ކުރިއެވެ.
އޭނާގެ ބަންދާ މެދު އަލުން ގޮތެއް ނިންމަން، އިއްޔެއިން ފެށިގެން ފަސް ދުވަސް ތެރޭ ހުށަހަޅައިފި ނަމަ ބަންދާ މެދު އަލުން ގޮތެއް ކަނޑައެޅުމަށްވެސް ހުކުމްގައިވެއެވެ.
އިބްރާހިމް ޒަކީ
އެމްޓީޑީސީ
ރައްޔިތުންގެ މަޖިލިސް
ހިމަބިހި
ވަޒީފާ