މިހާރު ސްކޮޓްލެންޑްގެ ގްލާސްގޯގައި ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގެ 200 މީޓަރު ދުވުމުގެ އިވެންޓްގައި ވާދަކޮށް، ޒިވާ މޫސާ ޝަފީއު، ރާއްޖޭގެ އަންހެން 200 މީޓަރު ރެކޯޑު މުގުރާލައިފިއެވެ.

ޒިވާ މިއަދު މުގުރާލީ 2022 ވަނަ އަހަރުގެ ގައުމީ މުބާރާތުގެ 200 މީޓަރުގެ ރޭހުގައި އައިޝަތު ހިމްނާ ހަސަން ހަދާފައިވާ ރެކޯޑެކެވެ. ހިމްނާ އެފަހަރު ރެކޯޑު ހަދާފައި އޮތީ 24.90 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ހިމްނާ މިއަދު 200 މީޓަރު ދުވުމުގެ ހީޓް އެކެއްގައި ވާދަކޮށް ރެކޯޑު މުގުރާލީ 24.67 ސިކުންތުން ރޭސް ނިންމައިގެންނެވެ. ހަ އެތުލީޓުން ވާދަކުރި ރޭހުގައި ޒިވާ ނިންމާލީ ފަސްވަނައިގައެވެ. ހީޓްގެ އެއްވަނަ ހޯދި ބްރިޓިޝް ވާޖިން އައިލެންޑުގެ ބިޔޯންސް ޑެފްރައިޓަަސްގެ ޓައިމިން އަކީ، 23.25 ސިކުންތެވެ.

މިފަހަރުގެ ކޮމަންވެލްތު ގޭމްސްގައި ރާއްޖޭގެ އެތުލެޓިކްސް ޓީމާއި ސްވިމިން ޓީމު ވާދަކުރަމުންދާ އިރު، މިހާތަނަށް ދުވުންތެރިންވެސް ވަނީ ރަނގަޅު ކުރިއެރުންތަކެއް ހޯދައިފައެވެ. ޒިވާގެ އިތުރުން މިއަދުގެ އަންހެނުންގެ 200 މީޓަރު އިވެންޓުގައި ރާއްޖޭގެ އަހްނާ ނިޒާރާއި އައިމިނަތު ލަަޔާނާވެސް ވާދަކޮށްފައިވެއެވެ.

އޭގެ އިތުރުން ފިރިހެނުންގެ 200 މީޓަރު ހީޓުތަކުގައި ހަސަން ސާއިދު، ހުސެއިން ޒީކް ސުއާދު އަދި އާދަމް ރިއްފަތުވެސް ވާދަކޮށްފައިވެއެވެ.

އަހްނާ ވާދަކުރީ ހީޓު ހަތަރެއްގައެވެ. އަހްނާގެ ޓައިމިން އަކީ 24.75 ސިކުންތެވެ. އެއީ އޭނާއަށް ޕާސަނަލް ބެސްޓް ޓައިމިންއެކެވެ. ހީޓު ފަހެއްގައި ވާދަކުރި ލަޔާނާގެ ޓައިމިން އަކީ 25.85 ސިކުންތެެވެ. އެއީ ލަޔާނާއަށްވެސް ޕާސަނަލް ބެސްޓް ޓައިމިން އެކެވެ.

ފިރިހެނުންގެ 200 މީޓަރު އިވެންޓުގައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ސާއިދު ވަނީ ހީޓު އެކެއްގައި ވާދަކޮށް، 22.10 ސިކުންތުން ރޭސް ނިންމައިފައެވެ. އޭނާ ހީޓް ނިންމީ ހަތަރު ވަނައިގައެވެ. ހީޓު ހަތެއްގައި ވާދަކުރި އާދަމް ރިއްފަތު ވަނީ 22.13 ސިކުންތުން ރޭސް ނިންމައިފައެވެ. ހީޓް ނުވައެއްގައި ވާދަކުރި ޒީކް ސުއާދުގެ ޓައިމިން އަކީ، 22.29 ސިކުންތެވެ.