މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ (މިޔަޓް) އިން އިންތިޒާމު ކޮށްގެން ބާއްވާ މިޔަޓް ސްޕޯޓްސް ފިއެސްޓާގެ ތެރެއިން ކުރިއަށް ގެންދާ މިޔަޓް ވެޓެރަންސް ފުޓްސަލް މެޗު ދިއްފުށީ ވެޓެރަންސްއިން ކާމިޔާބު ކޮށްފިއެވެ.

ތުލުސްދުއަށް ކުޅިވަރު އީދެއް އައިސްފައިވާ އިރު، މިޔަޓް ސްޕޯޓްސް ފިއެސްޓާގެ އެންމެ ބޮޑު ހަރަކާތް، މިޔަޓް ފުޓްސަލް ޗެލެންޖް މިހާރު ވަނީ ސެމީ ފައިނަލާ ހަމައަށް ގޮސްފައެވެ. އަދި އިއްޔެ ކާމިޔާބުކަމާއެކު މިޔަޓް ޔުނިޓީ ރަން ނިންމާލާފައިވެއެވެ. އޭގެ އިތުރުން މިޔަޓް ފެމީނާ ފުޓްސަލް މުބާރާތްވެސް ކާމިޔާބުކަމާއެކު ނިންމާލާފައިވާ އިރު، އެ މުބާރާތް ކާމިޔާބުކުރީ މާފުށީ ކަންއުންސިލް އަންހެން ފުޓްސަލް ޓީމުންނެވެ.

އިއްޔެ މިޔަޓުން ހާއްސަ ކުރީ އިސްރަށްވެހިންނަށެވެ. އެގޮތުން އިސްރަށްވެހިންގެ ހާއްސަ ސައެއް ބާއްވާފައިވާ އިރު، އެ އިވެންޓް ވެގެންދިޔައީ އެތައް އިސްރަށްވެހިންނަކަށް އުފާވެރިކަން ގެނެސްދިން އިވެންޓަކަށެވެ. އިވެންޓްގައި ބައިވެރިވި ހުރިހާ ފަރާތްތަކުންވެސް ވަނީ އެކަން ވަރަށް ބޮޑަށް ފާހަގަކޮށްފައެވެ. އިވެންޓްގެ ތެރެއިން އިސްރަށްވެހިންނަށް ހަދިޔާވެސް ބަހާފައިވާ އިރު، އިސްރަށްވެހިންގެ އިވެންޓްތައް ރޭ ނިންމާލީ ހާއްސަ މެޗަކުންނެވެ.

މިޔަޓް އިސްރަށްވެހިންގެ ހަވީރުގެ ތެރެއިން --- ފޮޓޯ/ އިމޭޖަސް އެމްވީ

ދިއްފުށީ ވެޓެރަންސްއާއި ކުޅިވަރި ފިއެސްޓާ ބާއްވާ ތުލުސްދޫ ވާދަކުރި މެޗު ނިމުނީ 6-1 އިން ދިއްފުށި މޮޅުވެގެންނެވެ. މެޗުގެ ތެރެއިން ފެނުނީ އެކުވެރި، އުފާވެރި މާހައުލެކެވެ.