މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ (މިޔަޓް) އިން އިންތިޒާމު ކޮށްގެން ބާއްވާ ކ. އަތޮޅުގެ އެންމެ ބޮޑު އެއް ކުޅިވަރު ހަރަކާތް، މިޔަޓް ސްޕޯޓްސް ފިއެސްޓާގެ މިޔަޓް ފުޓްސަލް ޗެލެންޖް 2026 ގެ ފައިނަލަށް އެޕޮކަލިޕްސް އެސްސީއާއި ކަންމަތި އެފްސީ ދަތުރު ކޮށްފިއެވެ.
މިޔަޓް ފުޓްސަލް ޗެލެންޖްގައި ނުވަ ޓީމަކުން ވާދަކޮށްފައިވާ އިރު، ގްރޫޕް ސްޓޭޖު ކުރިއަށް ދިޔައީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭއިން އެޕޮކަލިޕްސް އެސްސީއާއި އެކްސް ބޯއީސް ސެމީ ފައިނަލަށް ދަތުރު ކޮށްފައިވާ އިރު، އަނެއް ގްރޫޕުން ސެމީއަށް ދިޔައީ ކަންމަތި އެފްސީއާއި ބްލެކް އީގަލްސްއެވެ.
މުބާރާތުގެ މެޗުތައް ތުލުސްދޫ ފުޓްސަލް ދަނޑުގައި ކުރިއަށްދާ އިރު، އެޕޮކަލިޕްސް އެސްސީން ބްލެކް އީގަލްސް ބަލިކުރީ 4-0 އިންނެވެ.
ފޯރިގަދަކޮށް ފެނުނު މެޗުގެ ނަތީޖާ ބަދަލުވެގެން ދިޔައީ ދެވަނަ ހާފުގައެވެ. ދެވަނަ ހާފު ފެށިގެން ހަތްވަނަ މިނެޓުގައި އަހުމަދު އަފްލާޒް ގޯލް ޖަހައި އެޕޮކަލިޕްސްއަށް ލީޑު ނަގައިދިން އިރު، އޭގެ ފަހުން ދެން ފެނުނު ތިން ގޯލްވެސް ފެނުނީ ފަހު މިނެޓު ކޮޅުގައެވެ. އޭގެ ތެރެއިން އެއް ގޯލް އަފްލާޒް ޖެހި އިރު، އަނެއް ދެ ގޯލްވެސް ޖަހައިދިނީ މުހައްމަދު ވިލްފެވެ.
އެޕޮކަލިޕްސްއާ ދެކޮޅަށް ފައިނަލުގައި ނުކުންނަ ކަންމަތި މިރޭ މޮޅުވީ ޕެނަލްޓީގައެވެ. އެކްސް ބޯއީސްއާ ވާދަކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 3-3 އިން އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީގައި ކަންމަތި މޮޅުވީ 6-4 އިންނެވެ.
މެޗު ފެށިގެން ފަސްވަނަ މިނެޓުގައި ހުސައިން ސުހައިލް (ސޮކޭ) ކަންމައްޗަށް ލީޑު ނަގައިދިން އިރު، އޭގެ ދެމިނެޓް ފަހުން އިބްރާހީމް ރިމާހް (ރިމޭ) ޖެހި ގޯލުން އެކްސް ބޯއީސް އެއްވަރުކުރިއެވެ. އަދި ނުވަ ވަނަ މިނެޓުގައި ސާމިން މުހައްމަދު ނަސީރު އަތުން ބައިކޮޅަށް ވަން ގޯލުން އަނެއްކާވެސް ކަންމަތި ލީޑު ނެގިއެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އަބްދުﷲ ޝާފިއު (ޝާއްޕެ) ޖެހި ގޯލުން ކަންމަތި ލީޑު ފުޅާކުރި ނަމަވެސް ދެވަނަ ހާފަށް ނުކުމެ، ޝަނާން ރަޝާދާއާއި ރިމޭގެ ގޯލްތަކުން އެކްސް ބޯއީސް މެޗު އެއްވަރުކުރިއެވެ. ރިމޭ މެޗު އެއްވަރުކުރި ގޯލް ޖެހީ ފަހު ވަގުތުއެވެ.
ކަންމަތީގެ އަހުމަދު ރާހިލް ރަޝީދާއި އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) އަދި ޝާއްޕެވެސް ޕެނަލްޓީ ކާމިޔާބުކުރި އިރު، އެކްސް ބޯއީސްއިން ކާމިޔާބުކުރި ހަމައެކަނި ޕެނަލްޓީއަކީ ރިމޭގެ ޕެނަލްޓީއެވެ. ޕެނަލްޓީގައި ކަންމަތީގެ ކީޕަރު ތޮލާލް ހަސަން (ޓޮޕްލަކް) މުހިއްމު ރޯލެއް އަދާކުރިއެވެ.
މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މިމަހުގެ 13 ވަނަ ދުވަހުގެ ރޭގައެވެ.
މިއީ މިޔަޓް ފުޓްސަލް ޗެލެންޖް ކުރިއަށްދާ ހަވަނަ ފަހަރެވެ. ކ. އަތޮޅުގެ އެންމެ ޝަރަފުވެރި، އެންމެ އަގުބޮޑު މުބާރާތް މިފަހަރު އެނބުރި އައިސްފައި ވަނީ ޖުމުލަ ނުވަ ޓީމަކާއެކުގައެވެ. ޗެމްޕިއަން ޓީމަށް މިއަހަރު ވެސް 75،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވެއެވެ.
މުޙައްމަދު ޝަމްޢޫން
މިޔަޓް ފުޓްސަލް ފިއެސްޓާ
މިޔަޓް ފުޓްސަލް ފިއެސްޓާ
މިޔަޓް ފުޓްސަލް ފިއެސްޓާ
މިޔަޓް ފުޓްސަލް ފިއެސްޓާ
ކޮމެންޓް