ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.

މިދިޔަ އަންގާރަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރެއްވި މި ދަތުރުފުޅަކީ ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފްގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅު ގުޅިފައިވަނީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތާއެވެ.

21 އޮކްޓޫބަރު 2026؛ ‎ރައީސް ޑރ. މުހައްމަދު މުއިއްޒު، ޕާކިސްތާނުގެ ރައީސް އާސިފް އަލީ ‎ޒަރްދާރީ އާ ބައްދަލުކުރައްވަނީ ——- ފޮޓޯ: ރައީސް އޮފީސް

މި ދަތުރުފުޅުގައި ރައީސް މުއިއްޒު ވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފާއެކު ރަސްމީ މަޝްވަރާތައް ބާއްވަވައި، އެ ގައުމުގެ ރައީސް އާސިފް އަލީ ޒަރްދާރީއާ ބައްދަލުކުރައްވައިފައެވެ. މީގެ އިތުރުން، ބޮޑުވަޒީރުގެ ނައިބު އަދި ހާރިޖީ ވަޒީރު ސެނެޓާ މުހައްމަދު އިސްހާގް ދާރް އާއި، ޗީފް އޮފް އާމީ ސްޓާފް އަދި ޗީފް އޮފް ޑިފެންސް ފޯސަސް ފީލްޑް މާޝަލް ސައްޔިދު އާސިމް މުނީރާއި، ނޭޝަނަލް އެސެމްބްލީގެ ސްޕީކާ ސަރްދާރު އަޔާޒް ސާދިގާއި، ސެނެޓުގެ ޗެއާމަން ސައްޔިދު ޔޫސުފް ރަޒާ ގިލާނީއާ ވެސް ރައީސް ބައްދަލުކުރެއްވިއެވެ. މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ ވަޒީރުންނާއި އިސް އޮފިޝަލުން ހިމެނިވަޑައިގަންނަވާ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.

ދެ ގައުމުގެ ދެމެދުގައި ބޭއްވުނު މަޝްވަރާތަކުގައި ވިޔަފާރިއާއި އިންވެސްޓްމަންޓް، ސިއްހަތު، ތައުލީމު، ފަތުރުވެރިކަން، މަސްވެރިކަމާއި ދަނޑުވެރިކަން، ޒުވާނުންނާއި ކުޅިވަރު، ސަގާފަތް، ތިމާވެށި ރައްކާތެރިކުރުން، އަދި ދިފާއީއާއި ސަލާމަތީ ދާއިރާގެ އިތުރުން ސަރަހައްދީ އަދި ބައިނަލްއަގުވާމީ ގުޅުންތައް ފުޅާކުރުމަށް ވަނީ އެއްބަސްވެފައެވެ. ރައީސް މުއިއްޒާއި ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފްގެ ހާޒިރުގައި، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭ 20 ފަހުމުނާމާއާއި އެއްބަސްވުންތައް ބަދަލުކުރެވުނެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ވެސް ދެ ގައުމުން ވަނީ އަޒުމު ކަނޑައަޅާފައެވެ.

22 އޮކްޓޫބަރު 2026، ރާއްޖެ-ޕާކިސްތާން ބިޒްނަސް ފޯރަމްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ ---- ފޮޓޯ: ރައީސް އޮފީސް

އިސްލާމްއާބާދުގައި ބޭއްވުނު މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް 2026 ގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، ރާއްޖެއާއެކު ދިގު މުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ގާއިމުކުރުމަށް ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ދައުވަތު އަރުވައިފައެވެ. އެގޮތުން ކާބޯތަކެތީގެ ރައްކާތެރިކަމާއި، ސިއްހީ ދާއިރާއާއި، އިމާރާތްކުރުމާއި، އިންޖިނިއަރިން އާއި، އިއާދަކުރަނިވި ހަކަތަ އަދި އިސްލާމިކް ފައިނޭންސްގެ ދާއިރާއިން އިންވެސްޓްކުރުމުގެ ފުރުސަތުތައް ހޯއްދެވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން، ގައުމީ އެއާލައިން މޯލްޑިވިއަނުން މާލެއާއި ކަރާޗީއާ ދެމެދު ސީދާ ދަތުރުތައް ވަރަށް އަވަހަށް ފެށުމަށް އަމާޒު ހިފާފައިވާކަން ރައީސް އިއުލާންކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، މި ދަތުރުތަކުގެ ސަބަބުން ދަތުރުފަތުރުގެ ގުޅުން ހަރުދަނާވެ، ވިޔަފާރިއާއި ފަތުރުވެރިކަމަށް އާ ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ. ހަމައެއާއެކު، ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަށް ފަށާފައިވާ މަޝްރޫއަށް އެހީތެރިވުމުގެ ގޮތުން، އެއް ލައްކަ ޒައިތޫނި ގަހުގެ ކުރިއާއި އެކި ބާވަތްބާވަތުގެ އެއް ލައްކަ މުޑުވައް ހަދިޔާކުރުމަށް ޕާކިސްތާނުން ވަނީ ނިންމައިފައެވެ.