އީރާނާއެކު ކުރަމުންދާ ހަނގުރާމައާއި ތަކެތީގެ އަގު އުފުލުމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އެ ގައުމުގެ ކުރީގެ ރައީސް ބަރަކް އޮބާމާ އިއްޔެ ފާޑުވިދާޅުވެއްޖެއެވެ.
ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، އޮބާމާ މި ވާހަކަފުޅުދެއްކެވީ ނޮވެންބަރު 3 ގައި ބާއްވާ މެދު ދައުރުގެ އިންތިހާބަށް ޑިމޮކްރެޓިކް ޕާޓީއަށް ތާއީދު ހޯއްދެވުމަށް ބޭއްވި ފުރަތަމަ އެއްވުމުގައެވެ. ނަމަވެސް މި އެއްވުން ބޭއްވި ސީދާ ތަނަކާއި ގަޑިއެއް ކަށަވަރުވެފައެއް ނުވެއެވެ.
އޮބާމާ ވިދާޅުވި ގޮތުގައި، ޓްރަމްޕް ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ހުރިހާ އެއްޗެއްގެ އަގު ބޮޑު ކަމަށް އާންމުންނަށް ހީވި ނަމަވެސް، މިހާރު ހުރިހާ ތަކެއްޗެއްގެ އަގު ވަނީ އޭރުގެ އަގުތަކަށް ވުރެ ވެސް ބޮޑުވެފައެވެ. އަދި ޑީސަލްގެ އަގު އުފުލިފައިވަނީ އީރާން ހަނގުރާމައިގެ ސަބަބުން ކަމަށާއި، ތަކެތީގެ އަގު ބޮޑުވުމާއި އިގުތިސާދަށް ކުރިމަތިވެފައިވާ ހާލަތުގެ ޒިންމާ ޓްރަމްޕް ނަންގަވަން ޖެހޭނެ ކަމަށް ވެސް އޮބާމާ ވިދާޅުވިއެވެ.
މީގެ އިތުރުން، 2024 ވަނަ އަހަރުގެ އިންތިހާބުގެ ކެމްޕޭނުގައި ތަކެތީގެ އަގު ތިރިކޮށް، އިތުރު ހަނގުރާމައެއްގެ ތެރެއަށް ނުވަންނާނެ ކަމަށް ޓްރަމްޕް ވެވަޑައިގެންނެވި ވައުދުތަކާ ހިލާފުވެވަޑައިގެންފައިވާ ކަމަށް އޮބާމާ ތުހުމަތުކުރެއްވިއެވެ.
މި ހަނގުރާމައިގެ ސަބަބުން ހޮރުމުޒް ކަނޑުއޮޅީގެ ފުރިހަމަ ބާރު އީރާނަށް ލިބިފައިވާ ކަމަށާއި، މިސައިލެއް ފޮނުވާލުމަކާ ނުލައި ޑިޕްލޮމަސީގެ ތެރެއިން ހައްލުކޮށްފައި އޮތް ކަމަކުން ޓްރަމްޕް ވަކިވެވަޑައިގެން މި ހަނގުރާމަ ފެއްޓެވީ ކަމަށް އޮބާމާ ވިދާޅުވިއެވެ. މިއާ ހިލާފަށް ޓްރަމްޕް ވިދާޅުވީ، ތެލުގެ އަގު ވަގުތީ ގޮތުން މަތިވެފައިވާ ކަމަށާއި، ނަމަވެސް އެމެރިކާ އިތުރަށް ވަރުގަދަވަމުންދާ ކަމަށާއި ތެލުގެ އަގުތައް ތިރިވާނެ ކަމަށެވެ.
އެމެރިކާ
އެމެރިކާ
އެމެރިކާ
އެމެރިކާ
ކޮމެންޓް