ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އިދިކޮޅު އެމްޑީޕީގެ 13 މެންބަރުންނަށް، މަޖިލިސް ޖަލްސާގައި މިހާރު ބޭނުންވާހަކައެއް ނުދެއްކޭނެ ކަމަށް ވެރިކަން ހިންގާ ޕީއެންސީގެ ޕީޖީ ލީޑަރު ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަމުން ފަލާހު ވިދާޅުވީ، މަޖިލިސް ޖަލްސާގައި އެމްޑީޕީ މެންބަރުން ޕީއެންސީ މެންބަރުންނަށް ބޮޓުންނަށް ގޮވާއިރު، ބޭނުންވާ ކޮންމެ ވާހަކައެއް ދެއްކުމަށް އެމްޑީޕީ މެންބަރުންނަށް މިހާރު ފުރުސަތެއް ނޯންނާނެ ކަމަށެެވެ.

"މިތާ ތެދުވެފަ އަޅުގަނޑުމެންނަކީ ބޮޓުންނޭ ބުނާއިރު ބޮޓުންނަކީ ކޮން ބައެއްކަން ނޫސްތައް ބަލާލީމަ އެބަ އެނގޭ، އެމްޑީޕީ މެންބަރުންނަށް މިތާ ބައެއް ވާހަކަ ދެއްކުން މިހާރު މަނާވާނެ، މިހާރު ވާހަކަދައްކައިފިއްޔާ ޕާޓީން ކަނޑާލާނެ، ކޮބައިތޯ ބޮޓުންނަކީ،" ފަލާހު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ، މަޖިލީހުގައި އެއްވެސް ވާހަކައެއް ދައްކަން ޕީއެންސީ މެންބަރުންނަށް މަނާވެފައި ނޯންނާނެ ކަމަށެވެ. އަދި ވަކި ގޮތަކަށް ވާހަކަ ދައްކަން ސަރުކާރުންވެސް އަދި ޕާޓީންވެސް ޕީއެންސީ މެންބަރުންނަށް އޯޑަރު ނާންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އެއްވެސް ވާހަކައެއް ދެއްކުން މަނަލެއް ނޫން، ޕާޓީއަކުން އޯޑަރެއް ނާދޭ، ސަރުކާރަކުން އޯޑަރެއް ނާދޭ، ނޫސްތަކުން ފެންނާނެ އެކަން، އެހެންވީމާ އެދުވަހަކު ދައްކަން ބޭނުންވާހަކައެއް ދައްކައިފަ ހުންނާނީ، އެމްޑީޕީގެ 13 މެންބަރުންގެ ތެރެއިން 12 މެންބަރުންނަކަށް ނުދެއްކޭނެ ބޭނުން ވާހަކައެއް، ނަމަވެސް ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެންބަރަށް އޮންނާނެ އިހުތިޔާރު ބޭނުން ވާހަކައެއް ދައްކަން،"

ފަލާހު މިވާހަކަތައް ދެއްކެވީ، އެމްޑީޕީގެ ޕީޖީ ގްރޫލުގެ މެންބަރުން އެންމެ ބޮޑަށް ދެކޮޅު ހަދައި ވާހަކަ ދައްކަވަމުން އައި، ރަސްމާލޭގައި ރެސިޑެންސީ ޓޫރިޒަމަށް 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާކު ސަރުކާރުން ކުރިއަށްގެންދާ ޕްރޮޖެކްޓާ ދެކޮޅަށް ވާހަކަ ނުދެއްކުމަށް ރައީސް ނަޝީދު އެމްޑީޕީ މެންބަރުންގެ ކިބައިން އެދިަވޑައިގަތުމާ ގުޅިގެންނެވެ.

އީގަލް ހިލްސްއާ ދެކޮޅު ނުހެދުމަށް އެދިވަޑައިގެން ނަޝީދު ގެންދެވީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ގިނަ މެސެޖުތަކެއް ރައްދު ކުރައްވަމުންނެވެ.

އެގޮތުން ނަޝީދުގެ އެފަދަ އެންމެ ފުރަތަމަ މެސެޖުގައި ވިދާޅުވީ އުސޫލެއްގެ ގޮތުން ރަސްމާލޭގެ މަޝްރޫއަށް ތާއީދު ކުރެވޭ ކަމަށާއި އެ މަޝްރޫއާ ގުޅޭ ގޮތުން އެމްޑީޕީން ނެރުނު ބަޔާނުގައިވާ ވަރަށް އެ ވާހަކަ ދެއްކެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އީގަލް ހިލްސްގެ ޗެއާމަން އަލް-އައްބާރަށް ފުރައްސާރަކޮށްގެން ނުވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެއާ ގުޅިގެން ރައީސް ނަޝީދާއި ނަޝީދުގެ ތާއީދާއެކު އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަ ކުރައްވާ ފައްޔާޒު އިސްމާއީލްގެ ފެކްޝަންގެ ވަރަށް ގިނަ މީހުން ނަޝީދުގެ ވާހަކަތަކާ ދެކޮޅަށް އެ ގްރޫޕަށް މެސެޖުތަކެއް ކުރަން ފެށިއެވެ.

ނަޝީދު ތާއީދުކުރައްވާ ގޮތަކީ ރަސްމާލޭގެ މައްސަލައިގައި އެމްޑީޕީން އިތުރަށް އެއްޗެއް ނުބުނުން ކަމަށް ވިދާޅުވެ، އެ މަނިކުފާނު ވަނީ އެ ގޮތަށް ދެކޭ ގައުމީ މަޖިލީހުގެ މެންބަރުން އެކަން ފާހަގަކޮށްދިނުމަށް ވެސް އެދިވަޑައިގެންފައެވެ.

ފަލާހުގެ ވާހަކައިގައި ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރުގެ ނަން ފާހަގަ ކުރެއްވީ، އެމްޑީޕީގެ ޗެއާޕާސަން ރައީސް މުހަައްމަދު ނަޝީދާ ގާތް ގުޅުމެއް އޮންނާތީއެވެ.