ރާއްޖޭގެ އިގްތިސާދީ ސިނާއަތްތައް ހަލާކުކޮށްލީ މީގެ ކުރިން އޮތް އެމްޑީޕީ ސަރުކާރުންކަމަށް، ވެރިކަން ކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިިމް ފަލާހު ވިދާޅުވެއްޖެއެވެ.

ފަލާހު މިހެން ވިދާޅުވީ ރަސްމާލެ އެއްބަސްވުމުގެ ތަފްސީލުތައް ހާމަކުރަން ގޮވާލައި އިދިކޮޅު އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމު ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

ފަލާހު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ތިބި ޕީއެންސީގެ 73 މެންބަރުންގެ ވަރަށް ބޮޑު ތާއީދެއް ރަސްމާލެ މަޝްރޫއަށް އެބައޮތް ކަމަށެވެ.

"ޕީއެންސީގެ 73 މެންބަރުންގެ ވަރަށް ބޮޑު ތާއީދެއް އީގަލް ހިލްސް މަޝަރޫއަށް އެބައޮތް، މި ފަހަކަށް އައިސް މިހާ ބޮޑަށް ޕީއެންސީ މެންބަރުން ތާއީދުކުރާ ކަމެއް ނެތް،"

ފަލާހު ވިދާޅުވީ ރަސްމާލެ މަޝްރޫއަށް 18 ބިލިޔަން ޑޮލަރު އިސްވެސްޓުކުރާއިރު، ދިރާސާތަކުން ދައްކާ ގޮތުގައި މިއީ ޓުރިޒަމް ދާއިރާއަށް ވޭތުވެދިޔަ 50 އަހަރު ތެރޭގައިވެސް އިންވެސްޓް ނުކުރާ ވަރުގެ ބޮޑު އިންވެސްޓްމަންޓެއް ކަމަށެވެ.

"މިހާބޮޑު އިންވެސްޓްމަންޓެއް ރާއްޖޭގައި ކުރެވިގެން ދިއުމުން އަޅުގަނޑުމެން ރައްޔިތުން މިކިޔާ ދުބާއީ އާއި ސިންގަޕޫރަށް، ތަރައްގީގައި ހާއްސަ ކާމިޔާބީތައް ދުނިޔޭގައި ހާސިލު ކޮށްފައިވާ ގައުުމުތަކާ އެއް ދަރަޖައަކަށް ރާއްޖެއަށް ދަތުރު ކުރެވޭނެ، ރާއްޖޭގެ ރައްޔިތުންނަށް އުފާފާގަތިކަންމަތީ ދިރިއުޅެވޭނެ،"

ނަމަވެސް ފަލާހު ވިދާޅުވީ، ދިވެހި ރައްޔިތަކަށް ރަނގަޅުގޮތް ވާން އަދި ރައްޔިތެއްގެ ޖީބަށް އެއްޗެއް ލިބެން އަދި ދިވެހި ރައްޔިތުން އުފަލުގައި ތިބެން އެމްޑީޕީން ނޭދޭ ކަމަށެވެ.

އެގޮތަށް އެމްޑީޕީ މެންބަރުން ވާހަކަ ދައްކާއިރު، މިދިޔަ ރިޔާސީ އިންތިހާބުގައި އޭރު އޮތް އެމްޑީޕީގެ ވެރިކަމަށް ރައްޔިތުން ނޫނެކޭ ބުނީ، އޭރު މަޝްރޫއުތައް ފަށާފައި ހުރީ އެ މަޝްރޫއުތައް ފަށައި ނިންމަން ބޭނުންވާ ފައިސާ ބަޖެޓުގައި ނުހިމަނައި ކަމަށް ފަލާހު ވިދާޅުވިއެވެ. އެގޮތަށް މަޝްރޫއުތައް ފައްޓާފައި ހުރީ އެ ކަންކަމަށް ބޭނުންވާ 10 ޕަސެންޓް ފައިސާވެސް ބަޖެޓުގައި ނުހިމަނައި ކަމަށް ވިދާޅުވިއެވެ.

ހަމަ އެގޮތަށް ރާއްޖެގެ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތުގެ އިތުރުން، ޓޫރިޒަމްގެ ސިނާއަތު އެމްޑީޕީގެ ސަރުކާރުން ހަލާކުކޮށްލާފައިވާ ކަމަށް ފަލާހު ވިދާޅުވިއެވެ.