މިދިޔަ 2025 އަހަރުގެ މަސްވެރިންގެ ދުވަހު، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭޔޫ) އިން ބޭއްވި މުޒާހަރާގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީީޕީ މެންބަރު މައުރޫފް ޒާކިރު ހައްޔަރު ކުރުމުގައި އެ މެންބަރުގެ އިމްތިޔާޒަށް ފުލުހުން އަރައިގެންފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުން ވެސް މިއަދު ފާސްކޮށްފިއެވެ.
މި މައްސަލައަކީ އެ މެންބަރު އަމިއްލައަށް މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ހުށަހެޅި މައްސަލައެކެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެ މައްސަލަ ކޮމިޓީން ނިންމައި އެކުލަވައިލި ރިޕޯޓްގައި ވަނީ، މަސްވެރިންގެ މުޒާހަރާ ތެެރެއިން މެންބަރު މައުރޫފު ހައްޔަރު ކުރުމުގައި ދިވެހި ފުލުހުންގެ ހިދުމަތުން އަމަލު ކޮށްފައިވާ ގޮތުގެ ޓައިމްލައިނަށާއި ކޮމިޓީން ހޯދި މައުލޫމާތަށް ބަލާއިރު، އިމްތިޔާޒަށް އަރައިގަތްކަން އެނގެން ނެތް ކަމަށެވެ.
އެ ރިޕޯޓް މަޖިލިސް ތަޅުމަށް ހުށަހެޅުމުން މިއަދުގެ ޖަލްސާގައި ކޮމިޓީގެ ރިޕޯޓަށް މެންބަރުން ވާހަކަ ދައްކަވައި ނިންމެވުމުން ކޮމިޓީން ނިންމިގޮތަށް އެ ރިޕޯޓު ފާސްކުރަން ވޯޓަށް އެހިއެވެ.
ކޮމިޓީން ނިންމި ގޮތަށް މަޖިލީހުން ކޮމިޓީ ރިޕޯޓް ފާސްކުރީ، އެވަގުތު މަޖިލީހުގައި ތިއްބެވި 58 މެންބަރުންގެ ތެެއިން 48 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެ ރިޕޯޓް ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ 10 މެންބަރުންނެވެ.
މި މައްސަލައިގައި މައުރޫފު ވިދާޅުވެފައި ވަނީ، ބޮޑު ކަންނެލީގެ މަސްވެރިން ކުރަމުންދިޔަ މުޒާހަރާގައި ބައިވެރިވީ ސުލްހަވެރި މުޒާހަރާއަކަށް ވާތީ ކަމަށެވެ.
ނަމަވެސް އެ މުޒާހަރާގެ ތެެރެއިން ފުލުހުން އޭނާ ހައްޔަރު ކުރީ ގާނޫނާ ހިލާފަށް ކަމަށެވެ. އެކަމުގައި ފުލުހުން އަމަލުކޮށްފައިވަނީ ގާނޫނާ ހިލާފަށް، އެކަމުގައި ބޭނުން ކުރާން ޖެހޭ މިންވަރަށްވުރެ އިތުރަށް ބާރުގެ ބޭނުންކޮށްގެން ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން މިއީ ކަނޑައެޅިގެން މަޖިލިސް މެންބަރުންގެ ކަރާމަތަށް އަރައިގަތުން ކަަމަށްވާތީ އެ މައްސަލަ ކޮމިޓީން ބަލައިދިނުމަށް އެދޭ ކަމަށްވެސް ބުނެފައިވެއެވެ.
މި މައްސަލަ ބެލުމަށްފަހު ކޮމިޓީން ނިންމާފައި ވަނީ، އެ މެންބަރު ހައްޔަރު ކުރުމުގައި ދިވެހި ފުލުހުންގެ ހިދުމަތުން އަމަލުކޮށްފައިވާ ގޮތުގެ ޓައިމްލައިނަށާއި ކޮމިޓީ މެންބަރުން ހޯދި މައުލޫމާތަށް ބަލާއިރު، އެކަމުގައި އެ މެންބަރުގެ އިމްތިޔާޒަށް އުނިކަމެއް އަންނާނެ ފަދަ އަމަލެއް ފުލުހުން ކޮށްފައިވާކަން، އެނގެން ނެތް ކަމަށެވެ.
އިބްރާހިމް ޒަކީ
ކޮމެންޓް