ޔޫއޭއީގެ އީގަލް ހިލްސްއާ އެކު ރަސްމާލޭގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ 20 ބިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއާ ބެހޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މެންބަރުން ގޮވާލައްވައިފިއެވެ.
ރަސްމާލެ މަޝްރޫއުގައި ހިމެނޭ ހުރިހާ ތަފްސީލެއް ހާމަކުރަން ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހްމަދު ނަސީމު ހުށަހެޅުއްވި މި ގަރާރުގެ ބަހުސްގައި ވާހަކަދައްކަަވަމުން ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވީ، އެ މަޝްރޫއަކީ ދިވެހި ހުރިހާ ރައްޔިތުންގެ ވިންދާ ގުޅިފައި ހުރި ކަމެއް ކަަމަށެވެ. އަދި އެއީ ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރި މަަޝްރޫއަކަށްވާތީ ދިވެހި ހުރިހާ ރައްޔިތުންގެ ބަހެއް އެކަމުގައި ހޯދަން ޖެހޭ ކަމަށެވެ.
އެހެންކަމުން އެ މަޝްރޫއާގެން ސަރުކާރުން ކުރިއަށް ދިއުމުގެ ކުރިން ގާނޫނުއަސާސީން ލިިބޭ ފުރުސަތުގެ ބޭނުންކޮށްގެން އާންމުންގެ ފެންނަ ނުފެންނަ ވޯޓަކަށްދާން، ރައްޔިތުންގެ މަޖިލީހަށާއި ދިވެހި ސަރުކާރަށް ޝަމްހީދު ގޮވާލެއްވިއެވެ.
ޝަމްހީދު ވިދާޅުވީ ގައުމަށް ދިމާވާ ބޮޑެތި ކަންކަމުގައި ބަސް ބުނުމުގެ ފުރުސަތު ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދޭ ކަމަށެވެ. އެހެންކަމުން، އެހެން ގައުމެއްގެ ރައްޔިތުން ރާއްޖޭގެ ބައެއްގައި ދިރިއުޅެން އާދެވޭގޮތަށް ނިންމާ މި ނިންމުމާ މެދު ރައްޔިތުންގެ ބަހެއް ކޮންމެހެން ހޯދަންޖެހޭ ކަމަށެވެ.
އެއާނުލައި ކުރިއަށް ދިއުމަކީ ރައްޔިތުންގެ ވިންދާ ދެކޮޅަށް ކުރިއަށް ދިއުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޝަމްހީދު ވިދާޅުވީ، ދިވެހި ގައުމާއި މި ބިމާއި ގާނޫނުއަސާސީއާ މި ހުރިހާ އެއްޗަކީ ރައްޔިތުންގެ އެއްޗެހި ކަމަށެވެ. އެހެންކަމުން މިފަދަ ބޮޑެތި ކަންތައްތަކާ މެދު، ފަސް އަހަރުގެ މުއްދަތަށް އިންތިހާބު ކުރާ ވެރިން ކަން ކުރުމުގެ ބަދަލުގައި ރައްޔިތުންގެ ބަސް ބުނަަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާރު ވިދާޅުވީ، ރަަސްމާލެ މަޝްރޫއަކީ ދިވެހި ހުރިހާ ރައްޔިތުންގެ ތަރުހީބު އޮތް ނިންމުމެއް ކަމަށް ޕީއެންސީ މެންބަރުން ވިދާޅުވާ އިރު، އެކަމާ ގުޅޭ ފެންނަ ނުފެންނަ ވޯޓަށް ދިއުމަށް ޖެހިލުންވާން ނުޖެހޭ ކަމަަށެވެ.
ރާއްޖޭގެ މުސްތަގުބަލާ ބެހޭގޮތުން މިފަދަ ބޮޑެތި ނިންމުންތައް ނިންމާއިރު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށްދާން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ކޮމެންޓް