ޔޫއޭއީގެ އީގަލް ހިލްސްއާ އެކު ރަސްމާލޭގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ 20 ބިލިއަން ޑޮލަރުގެ ބޮޑު އިންވެސްޓްމަންޓް ރާއްޖެއަށް އައީ، ސުލްހަވެރިކަމާއި އަމާންކަން އޮތުމުން ކަމަށް، ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅަށް ވާހަކަ ދެއްކެވި އެމްޑީޕީ މެންބަރުންނަށް ރައްދުދެއްވައި، ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ، އެ އިންވެސްޓްމެންޓަކީ، ދުބާއީގެ މުސްލިމަކު އައިސް މި ގައުމުގައި ކުރާ 18 ބިލިޔަން ޑޮލަރު އިންވެސްޓެއް ކަމަށެވެ.

ނަމަވެސް އެއީ ކާރެއް ކަމަށާއި، އޭނާ ރާއްޖެ އަންނަނީ ކޮންމެސް އެހެން ކަމެއް ކުރަންކަމަށް ތުހުމަތުކޮށް އެމްޑީޕީ މެންބަރުން ވާހަކަދައްކާއިރު، އޭނާ އަކީ މުސްލިމެއްކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އޭނާ ކޮށްފައި ހުރި އިންވެސްޓްމަންޓްތައް ދިވެހި ރައްޔިތުންނަށް އެނގޭ ކަމަށް ފަލާހު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ، ދުނިޔޭގެ ހާލަތު މިހާރު އޮތް ގޮތުން، ދުނިޔޭގެ ބޮޑެތި މަހުޖަނުން، އިންވެސްޓް ކުރުމުގައި ބަލަނީ ވިޔަފާރިއަށް އެންމެ ފަހި، އެންމެ މޮޅު، އަދި އެންމެ ލާބައާއި މަންފާ ލިބޭ އަމާން ސުލްހަވެރި ދިމަދިމާ ކަމަށެވެ.

އެ ޕްރޮޖެކްޓް ރާއްޖެއަށް އައީ އެގޮތުގެ މަތިން ކަމަށް ފަލާހު ވިދާޅުވިއެވެ.

"ހާއްސަ ގޮތެއްގައި މި ވަގުތު ދުނިޔޭގައި ތިބި މުއްސަދިން އިންވެސްޓްކުރަން އެ ވިސްނަނީ ދުނިޔޭގައި ހުރި ސުލްހައާއި އަމަންއަމާންކަން ހުރި ގައުމުތަކުގައި، އޭގެ ގައުމަކަށް ދިވެހި ރާއްޖެ ވީމަ އެ އިންވެސްތަމްންޓް ރާއްޖެއާ ދިމާލަށް އައީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެ ދަނީ ހަނގުރާމަ އާއި އެކި ކަންކަން ވަމުން،" ފަލާހު ވިދާޅުވިއެވެ.