އުއްތަމަ ފަނޑިޔާރަށް ލިބިވަޑައިގަންނަވާ އިނާޔަތްތައް އިތުރުކޮށް، ޖުމްލަ މުސާރަ 95،125 ރުފިޔާއަށް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފި އެވެ.
އުއްތަމަ ފަނޑިޔާރަށް ލިބިދެވޭ މުސާރައާއި އިނާޔަތްތައް މުރާޖައާކޮށް، މުސާރަ ބޮޑުކުރަން ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ހުށަހެޅުއްވީ ވެރިކަންކުރާ ޕީއެންސީގެ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ. ތާއީދު ކުރެއްވީ ކެލާ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ޝަރީފް އެވެ.
މަމްދޫހު ހުށަހެޅުއްވީ އުއްތަމަފަނޑިޔާރަށް ހާއްސަ އެލަވަންސެއްގެ ގޮތުގައި 4125 ރުފިޔާ ހަމަޖެއްސުމަށެވެ. މި ހުށަހެޅުމަށްވެސް ތާއީދު ކުރެއްވީ ޝަރީފް އެވެ.
އޭރުން މިހާރު އުއްތަމަ ފަނޑިޔާރަށް ލިބިވަޑައިގަންނަވާ 91،000 ރުފިޔާގެ މުސާރަ މަހަކު 95،125 ރުފިޔާއަށް ބޮޑުވާނެއެވެ.
މަމްދޫހު ވިދާޅުވީ، އުއްތަމަ ފަނޑިޔާރުގެ މުސާރަ ބޮޑު ކުރަން ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިބިވަޑައިގަންނަވާ މުސާރަޔާ އެއްހަމަ މުސާރައެއް އުއްތަމަފަނޑިޔާރަށް ހަމަޖައްސައިދިނުމުގެ ގޮތުން ކަމަށެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ކޮމެންޓް