ޔޫއޭއީގެ އީގަލް ހިލްސްއިން ރަސްމާލޭގައި ހިންގާ މަޝްރޫއަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށާއި ޒަޔަނިސްޓުންނާ ގުޅުވައިގެން ސާބިތު ނުހިފޭ ވާހަކަ ނުދެއްކުމަށް އެދިވަޑައިގަންނަވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ އެ މަޝްރޫއަށް އެއްވެސް ޝަރުތަކާ ނުލައި ތާއީދުކުރައްވާ ކަމަށެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނަޝީދު ވަނީ 100 އަހަރުވުމުން ދެން ވާނެ ގޮތަކާ މެދު ބައެއް ބޭފުޅުން އުފައްދަވާ ސުވާލުތަކަށް އިޝާރާތްކުރައްވައިފައެވެ. "އަޅުގަނޑު ފުރިހަމައަށް މި ޕްރޮޖެކްޓަށް ތާއީދުކުރަން، ހަމަ ފުރިހަމަައަށް. ދެން ބައެއް ބޭފުޅުން ވިދާޅުވޭ 100 އަހަރުވީމާ ކިހިނެއްތޯ ވާނީ،" ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން، ތާރީހީ ހާދިސާއަކުން މިސާލު ނަންގަވަމުން ނަޝީދު ވަނީ މީގެ ތިން ގަރުނު ކުރިން ހޯރަފުއްޓަށް އައި ނާތަކެއްގެ ވާހަކަ ހިއްސާކުރައްވައިފައެވެ. "އަޅުގަނޑު އަޑުއަހާފައި އޮތްގޮތުގައި، އަޅުގަނޑަށް އެނގިފައި އޮތް މިންވަރުން ހޯރަފުއްޓަށް މީގެ 300 އަހަރު ކުރީގައި އައި ތިން ނާ. އޭގެ ތެރެއިން އެއް ނާ ހޯރަފުށީގައި މަޑުކުރީ، އަނެއް ނާ ދިޔައީ ދުވާފަރަށް. ހޯރަފުށީ ދާއިރާގެ މެންބަރު [ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް] ތިއީ އެއް ނާ އިން ވަޑައިގެންނެވި އާއިލާތަކުން އެއް ބޭފުޅެއް ކަމަށް އަޅުގަނޑަށް އެނގިފައި އޮތީ،" ތާރީހާ ގުޅުވައި ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ދީނާ ގުޅުވައިގެން ނުވަތަ ޒަޔަނިސްޓުންނާ ގުޅޭގޮތުން ދައްކަމުންދާ ވާހަކަތަކަކީ ސާބިތު ނުހިފޭ ވާހަކަތަކެއް ކަމަށާއި އެހެންކަމުން އެފަދަ ވާހަކަތައް ނުދެއްކުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އެ ބައްދަލުވުމަށް ވަނީ އީގަލް ހިލްސްއިން ރަސްމާލޭގައި ހިންގާ މަޝްރޫއު ކުރިއަށްގެންދިއުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮވާލާ ގަރާރެއް ހުށަހަޅައިފައެވެ. އެ ގަރާރަށް ތާއީދުކުރެއްވި ބޭފުޅުންގެ ތެރޭގައި، ނަޝީދުގެ ތާއީދާއެކު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްވެސް ހިމެނިވަޑައިގަންނަވައެވެ. މިރޭގެ ބައްދަލުވުމުގައި ބޮޑު އަގުލަބިއްޔަތަކުން އެ ގަރާރު ވަނީ ފާސްކޮށްފައެވެ.

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދުދެއްވުމަށް ނަޝީދު ވަނީ މިއަދު ބަޔާނެއް ވެސް ނުރެއްވައިފައެވެ. އެމްޑީޕީ ފަހަކަށް އައިސް އަމާޒު ހިފާފައިވާ މިސްރާބާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ދީން ނެގުމަކީ ރައްޔިތުން ކުރާ އިތުބާރު ވަރުގަދަވާނެ ކަމެއް ނޫން ކަމަށް އެ ބަޔާނުގައި ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ނެރުއްވި ބަޔާނުގައި ވިދާޅުވި ގޮތުގައި، ތަނަވަސްކަން ހޯދައިދޭނެ ޕްރޮޖެކްޓްތައް ޒަޔަނިޒަމްއާ ގުޅުވައި، އަސާސެއް ނެތް ވާހަކަތައް ކުރިއެރުވުމަކީ އާންމު ބަހުސް ހީނަރުކޮށް، ގައުމީ އަދި ސިޔާސީ ކަންކަމުގެ ސީރިއަސްކަން ކުޑަކޮށްދޭ ކަމެކެވެ.

އެ ބަޔާނުގައި ނަޝީދު ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީ އުފެދިގެން އައީ އިންސާނީ ހައްގުތަކާއި، ހުޅުވިފައިވާ ވިސްނުމާއި، ގިނަ ޕާޓީ އެކުލެވޭ ޑިމޮކްރެޓިކް ނިޒާމެއް މެދުވެރިކޮށް ތަނަވަސްކަމާއި އިންސާފުވެރިކަމާއި ހަމަހަމަކަން ހޯދުމަށް ވަކާލާތުކުރަމުންނެވެ. ނަމަވެސް މިހާރު އެ ޕާޓީ ސިފަވާ ގޮތް ތަފާތުވާން ފަށާފައިވާ ކަމަށާއި، ބިދޭސީން ދެކެ ބިރުގަންނަ އަދި ހައްދުފަހަނައެޅި ވަތަނީ ގައުމިއްޔަތެއް ކުރިއަރުވައި އެފަދަ ބޯދާ ފަލްސަފާއަކަށް ވަކާލާތުކުރާ ބައެއްގެ ގޮތުގައި އެމްޑީޕީ ސިފަވާން ފަށާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއީ އެ ޕާޓީގެ ސިޔާސީ ތަބީއަތު ކަނޑައެޅި އެންމެ ކުރީގެ ގިނަ މެންބަރުންނާއި ސަޕޯޓަރުން ޕާޓީގެ ފަލްސަފާ ތަސައްވަރުކުރި ގޮތެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، އިންތިހާބުތަކުގެ ކާމިޔާބީ ބިނާވެފައިވަނީ ޕޮޕިއުލިސްޓް ރުޅިވެރިކަމާއި ބިރުވެރިކަމާއި ބައިބައިވުމުގެ ތެރެއިން އާންމުންގެ ޖަޒުބާތު ކައްކުވައިގެން ކަމަށް ޕާޓީގެ ތެރޭގައި ބަޔަކު ގަބޫލުކުރާ ކަހަލަ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެން ނަމަވެސް، މި ސްޓްރެޓެޖީގެ ސަބަބުން ތާރީހީ ގޮތުން އެމްޑީޕީ ދަމަހައްޓަމުން އަންނަ ހަމައަށް ބުރޫއެރުމުގެ ނުރައްކާ އޮތް ކަމަށް އެމަނިކުފާނު އިންޒާރުދެއްވިއެވެ. އަދި މަތިވެރި އިސްލާމީ އުސޫލުތަކުގައި ސާބިތުވެ ތިބެ، ގިނަ ގޮތްތައް ހިމެނޭ މުޖުތަމައެއްގެ ދިވެހިވަންތަކަން ބިނާކުރުމަށާއި، ހުޅުވިފައިވާ ސިކުނޑީގެ އަހުލުވެރިންގެ ގައުމަކަށް ދިވެހިރާއްޖެ ބަދަލުކުރުމުގެ ވިސްނުމަށް މީގެ ސަބަބުން ދެރަ ލިބޭ ކަމަށް ވިދާޅުވިއެވެ. ކުރު މުއްދަތެއްގެ ސިޔާސީ ފައިދާ ހޯދުމަށްޓަކައި ޕާޓީގެ މައިގަނޑު އަސާސްތަކާ ދުރުވުމަކީ ހަމައެކަނި މަގުފުރެދުމެއް ނޫން ކަމަށާއި، އެއީ ސްޓްރެޓެޖިކް ގޮތުން އަމިއްލައަށް ބަލިވުން ކަމަށްވެސް ނަޝީދު ސިފަކުރެއްވިއެވެ.

އެމްޑީޕީ މިވަގުތު އޮތީ ހަތަރު އަނގޮޅިއެއްގެ ކަންމަތީގައި ކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، "ޓަކާ، ޓަކާ" މަގު ކަމަށް އެމްޑީޕީ މީގެ ކުރިން ބުނަމުން އައި މަގަށް އެ ޕާޓީ އެނބުރިއްޖެ ނަމަ، ޕާޓީގެ ތަބީއަތާއި ގޮތާއި ފޮތް ގެއްލިގެން ދިއުމުގެ ނުރައްކާ އެބައޮތް ކަމަށެވެ. އަދި އަމިއްލަ ނަފްސު ފަނާކުރަނިވި މަގެއްގައި ޕާޓީ ނުވާނެ ކަމަށް ނުހަނު އުންމީދުކުރައްވާ ކަމަށްވެސް ނަޝީދުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ރަސްމާލޭގައި ރެސިޑެންސީ ޓޫރިޒަމަށް 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރުމަށް ސަރުކާރުން ޔޫއޭއީގެ އީގަލް ހިލްސްއާ ހަވާލުކުރުމާ ގުޅިގެން އެމްޑީޕީގެ އިސްވެރިންގެ ހިޔާލު ތަފާތެވެ. އެގޮތުން ރައީސް ނަޝީދު މުޅިން އެ މަޝްރޫއަށް ތާއީދުކުރައްވާ އިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޝްރޫއާ ދެކޮޅެވެ.